"ފިކުރީ ހައްދު ފަހަނައެޅުމާ ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު" މިނަމުގައި ހިންގާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެއް ފުވައްމުލައް ސިޓީގައި ހިންގައިފިއެވެ.

ފިކުރީ ހައްދު ފަހަނައެޅުމާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތައުލީމީ ދާއިރާ އަހުލުވެރި ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ޔޫއެންޑީޕީ އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބާއްވާ ހަތް ވަނަ ޕްރޮގްރާމް ބޭއްވީ، ޏ.ފުވައްމުލަކު ހާފިޒު އަހްމަދު ސްކޫލް ޓީޗާސް ރިސޯސް ސެންޓަރުގައި ފުވައްމުލަކުގެ 4 ސްކޫލްގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް އަމާޒުކޮށްގެންނެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ރާއްޖޭގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރަނގަޅު މަގުދައްކައި ދިނުމަކީ ތައުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމް ކުރާކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ފިކުރީ ހައްދު ފަހަނައެޅުމާ ދެކޮޅަށް ސްކޫލްތަކުގެ އިސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފުވައްމުލަކުގައި ކުރިއަށް ދަނީ / ފޮޓޯ: އެމްއެންޑީއެފް، އެންސީޓީސީ

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެމްއެންޑީއެފް ސަދަން އޭރިއާ އަދި ޔޫއެންޑީޕީ މޯލްޑިވްސް އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ. އެއް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެންސީޓީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުންގެ އިތުރުން މޯލްޑިވެސް އިސްލާމިކް ޔުނިވާސިޓީ ގެ ވައިސް ޗާންސަލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މިފަހަރުގެ ޕްރޮގްރާމްގައި ފުވަމުލަކުގެ ހަތަރު ސްކޫލަކުން 28 ފަރާތަކުން ވަނީ ބައިވެރިވެފައެވެ

ތައުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްވެރިންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ގްރޭޓާ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކާއި މާޅޮސްމަޑުލު ދެކުނު ބުރީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްވެރިންނަށް ހިންގާފައިވެއެވެ.