18 އަހަރު ނުފުރޭ ކުދިންތަކެއްގެ މައްޗަށް އީރާނުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް ބުނެ އދއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދގެ މިނިވަން ތަޖުރިބާކާރު ޖާވިދު ރަހުމާން ވިދާޅުވީ، އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ މަނާކޮށްފައި އޮތް ނަމަވެސް، އުމުރުން 18 އަހަރު ނުފުރޭ 7 ކުއްޖެއްގެ މައްޗަށް އިރާނުން 2018 ވަނަ އަހަރުގެ މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާކަމަށާ، މިއަހަރުގެ މިހާ ހިސާބަށް އައި އިރުވެސް 2 ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާކަމަށެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދގެ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖާވިދު ވިދާޅުވީ، މަރުގެ ހުކުމް އިއްވާފައިވާ 90 ކުއްޖެއް މިހާރުވެސް އީރާނުގެ އެބަތިބި ކަމުގެ ސާބިތު ހެކި އޭނާގެ އަތުގައި އެބަހުރި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޖާވިދު ވަނީ އީރާނުގައި މަރުގެ ހުކުމް ތަންފީޒުކުރަމުންދާ ދިއުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެގައުމުގައި މަރުގެ ހުކުމް ތަންފީޒުކުރާ ވަރު ދަށަށް ގޮސްފައި ވީ ނަމަވެސް، އެކަން އޮތީ ކަންބޮޑުވާ ދަރަޖައަކަށް ކަން، އީރާނުގެ އިންސާނީ ހައްގުތަކާ ގުޅުން ހުރި ކަންކަން ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޖާވިދު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު 507 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރިއިރު 2018 ވަނަ އަހަރު 253 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާކަމަށާ، މިއަހަރުގެ މިހާ ހިސާބަށް އައިއިރު 173 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާކަން ޖާވިދު ވަނީ ފާހަގަކުރައްވާފައެވެ.
އީރާނުން އިތުރު ކަންބޮޑުވުންތަކެއް
މަރުގެ ހުކުމް ތަންފީޒުކުރުމުގެ އިތުރުން، ކަންބޮޑުވާންޖެހޭ އިތުރު މައްސަލަތަކެއް ހުރިކަން އދގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އީރާނުގެ އިގުތިސޯދު އިނދަޖެހިފައިވާކަން ޖާވިދު ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން އިޖުތިމާއީ ހައްގުތަކަކަށްވެސް އުނިކަން ލިބެމުންދާކަން އދގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ މިއާއެކު، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ވަކީލުންނަށް ފުރައްސާރަކުރުމުގެ މައްސަލަ އީރާނުގައ އެބަ އޮތްކަމަށްވެސް ޖާވިދު ވަނީ ވިދާޅުވެފައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ މީހުންނާ ސިޔާސީ ގައިދީންގެ ދިފާއުގައި ވަކާލާތުކުރާ ވަކީލުންނަށްވެސް އީރާނުގައި ނުރައްކާތެރި މާހައުލެއް އޮތްކަން ޖާވިދު ވަނީ ފާހަގަކުރައްވާފައެވެ.
އިނގިރޭސި-ޕާކިސްތާނީ ދަރިކޮޅަށް ނިސްބަތްވާ ޖާވިދު ރަހުމާންއަކީ އިސްލާމީ ގާނޫނީ ޕްރޮފެސަރެކެވެ.