މާލެ އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު މަގާމުން ވަކި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށް، އޭނާ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މެޖިސްޓްރޭޓް ރާޣިބް އިސްތިއުފާ ދެއްވުމަށްފަހު، އެކަމާ ބެހޭގޮތުން 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާއާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމުގައި އެ ކޮމިޝަނުން އެކުލަވާލި ކޮމިޓީން ވަނީ މައްސަލަ ބެލުމުގައި ޒާތީ ތައައްސުބުން ފުރިގެން ތިބި ހުދުމުހުތާރުކަމާއި އަނިޔާވެރިކަން އިސްކޮށްފައި ކަމަށެވެ.
އަދި މައްސަލަ ބެލި ކޮމިޓީން، އޭނާއާ ސުވާލުތައް ކުރައްވާ ކުރެއްވި ތަހުގީގުގައި، ވަކިގޮތަކަށް ޖަވާބުދާރީ ކުރުވަން މަސައްކަތްކޮށް ބާރުއަޅާ ތަހުގީގުގައި ކޮމިޝަނުގެ ނައިބު ރައީސް އޭނާއާ ޒުވާބުކޮށް ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމަށް މެޖިސްޓްރޭޓް ރާޣިބް ވިދާޅުވިއެވެ. އަދި އޭނާ ތަފުސީލީ ޖަވާބު ދޭން މަސައްކަތް ކުރުމުން އޭނާގެ ވާހަކަ ހުއްޓުވާ ބޭއިންސާފުން ނިންމި ތަހުގީގީ ރިޕޯޓުގައި އޭނާގެ މައްޗަށް ޝަކުވާ ސާބިތުވާކަމަށް ނިންމާފައިވަނީ ހެކިބަހުން ކަމަށް ފާހަގަ ކޮށްފައިވެއެވެ.
މެޖިސްޓްރޭޓް ރަގިބް ވިދާޅުވީ، އޭނާއާ ދެކޮޅަށް ހެކިބަސް ދީފައި ވަނީ ޒާތީ ގޮތުން ޖައްސާލާއިގެން ކަމަށާއި، އެހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ދަލީލުތަށް ކީރިތި ގުރުއާނުންނާއި ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދައްކާފައިވާއިރު، އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012 ވަނަ އަހަރުގެ 1 ވަނަ ގަޟިއްޔާ އާއި އެ އަހަރުގެ 27 ވަނަ ގަޟިއްޔާއާއި ހަވާލާދީ އެހެއްކަކީ ސައްހަ ހެއްކެއްނޫންކަން ސާބިތުކޮށްދީ ހުށަހެޅުއްވި 17 ސަފުހާގެ ޖަވާބަށް ބަލާލުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ޒާތީ ތައައްސުބުން ފުރިގެން ތިބެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެޖިސްޓްރޭޓް ރާޣިބް ވިދާޅުވީ، އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމުމަށް އޭނާގެ މައްޗަށް ހެކިބަސް ދީފައިވާ މީހުންނަކީ މަގާމުގެ ހައިސިއްޔަތުން އެމުވައްޒަފުންގެ މައްޗަށް ބަސްބުނެ، އަދި ތަކުރާރުކޮށް ނުކިޔަމަންތެރި ވެފައިވާތީ ނަސޭހަތާއި އިންޒާރުދީ އަދި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، ރާއްޖޭގެ ސުޕްރީމްކޯޓަށް ތަކުރާރުކޮށް ޗިޓް ފޮނުވާފައިވާ ނުނކިޔަމަންތެރި މުވައްޒަފުން ކަމަށެވެ.
ނަމަވެސް، މި މައްސަލާގައި ނިންމި ނިންމުމުގައި މީގެ އެއްވެސް ކަމަކަށް ބަލާފައިނުވާއިރު، މިކަމުގައި ސިޔާސީ ޕާޓީގެ ލޯގޯއާއި، ޕާޓީގެ ކުލަ ވިއްކައިގެން ކޮމިޝަނަށް ހޮވިފައި ތިއްބެވި މެންބަރުންތަކެއް ހިމެނިފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނިންމުމަކީ އަދުލުވެރިކަން ގެއްލިފައިވާ ޖޭއެސްސީއަކުން ނިންމާފައިވާ ނިންމުމެއް ކަމަށް ރާޣިބް ވިދާޅުވިއެވެ. އަދި އެ ނިންމުމުގައި ކުލަޖައްސަން މިއަދު އޮތް މަޖިލީހަކީ ވަކިޕާޓީއަކަށް ނިސްބަތްވާ ވަކި ކުލަ އަކުން ޖަރީއަވެފައިވާ މަޖިލީހަކަށް ވާތީ ރާއްޖޭގެ މިއަދު އަދުލު އިންސާފެއް ނުލިބޭނެކަން ޔަގީންވާ ކަމަށް މެޖިސްޓްރޭޓް ރާޣިބް ވިދާޅުވިއެވެ.
މެޖިސްޓްރޭޓް ރާޣިބް ވަނީ ކ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމު 27 އަހަރާއި 9 މަސްދުވަސް ވަންދެން ފުރުއްވާފައެވެ.