އަޅުގަނޑުމެން ދިވެހިންވެސް ދިރިއުޅެމުން މިދާ އޭޝިއާ ބައްރަށް ބަލާއިރު އުރަމަތީގެ ކެންސަރު އެންމެ އާންމު ގައުމަކީ ޕާކިސްތާނެވެ. އުރަމަތީގެ ކެންސަރަކީވެސް ދުރާލާ ދެނެގަނެވިއްޖެނަމަ ބޭސްކޮށްގެން ފަރުވާ ހޯދޭ ބައްޔެކެވެ. ނަމަވެސް ޕާކިސްތާނުގައި ދިމާވަނީ މުޅިން ތަފާތު މައްސަލައެކެވެ. ސަގާފީ ގަބޫލުކުރުންތައް ހުންނަ ގޮތުގެ ސަބަބުން އުރަމަތީގެ ވާހަކަ ދެއްކުން އޮންނަނީ ޕާކިސްތާނުގައި "ސިއްރު" ކަމެއްގެ ގޮތުގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ރެކޯޑްތަކަށް ބަލާއިރު ޕާކިސްތާނުގައި އަހަރަކު 17000 އަންހެނުން، އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށްވެ، މި ދުނިޔެ ދޫކުރެއެވެ. ނަމަވެސް ޕާކިސްތާނުގައި ހަރަކާތްތެރިވާ ހިލޭ އެހީދޭ ޖަމިއްޔާތަކާ ޑޮކްޓަރުންގެ ވާހަކަތަކަށް ބަލާއިރު މިއަދަދު 40000 އަށް އަރައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޕާކިސްތާނުގެ ކޮންމެ 9 އަންހެނަކުން 1 އަކީ އުރަމަތީގެ ކެންސަރާ ހަނގުރާމަކުރަންޖެހޭ މީހެކެވެ. ނަމަވެސް ސަގާފީ އަދި ބޯދާ އުސޫލުތައް އަދިވެސް އެ ގައުމުގައި ދެމި އޮތުމުގެ ސަބަބުން، ފުރާނަ ސަލާމަތްކުރަން ކަމުގައި ވީ ނަމަވެސް އުރަމަތީގެ ކެންސަރުގެ ވާހަކަ ދެއްކުމަށް އެގައުމުގެ އަންހެނުން ފަސްޖެހޭ ކަމަށް، ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ.

އުރަމަތީގެ ކެންސަރުގެ ފަރުވާ ފޯރުކޮށްދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޕިންކް ރިބަން ފައުންޑޭޝަންގެ އުމަރު އަފްތޯބު ބުނާ ގޮތުގައި، އުރަމައްޗަކީ އަންހެނާގެ ޖިންސީ ގުނަވަކަނަށް ވާއިރު، އެކަމުގެ ވާހަކަ ޕާކިސްތާނުގައި ނުދެއްކުމުގެ ސަގާފަތެއް އޮވެއެވެ. އުރަމަތީގެ ކެންސަރަކީ ބައްޔެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ޕާކިސްތާނުގައި އެކަންވެފައި އޮންނަނީ "ޖިންސީ" މައްސަލައަކަށް ކަންވެސް އުމަރު އަފްތޯބު ވަނީ ފާހަގަކޮށްފައެވެ.

އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ފިޔާތޮށި ރިބަން ދައްކާލަނީ/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ޝިކާރައަކަށްވުމުން ދިރިއުޅުން އެކަނިވެރިވޭ

ޕާކިސްތާނުގައި އުރަމަތީގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ އަންހެނުންގެ ދިރިއުޅުމަކީ އެކަނިވެރި ދިރިއުޅުމެކެވެ.

މިފަދަ އެކަކީ ޕްރައިމަރީ ސްކޫލް ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާ ސިލްވާތު ޒަފަރުއެވެ. އުރަމަތީގައި ގޮށެއް ލާފައި އިންކަން ސިލްވާތަށް އެނގުނުއިރު އޭނާގެ އުމުރުން އަދި 30 އަހަރެއް ނުފުރެއެވެ. އޭނާ ނިންމީ އެކަން އޭނާގެ އާއިލާއަށް ސިއްރު ކުރުމަށެވެ. އޭރު އޭނާގެ އާއިލާ ދިޔައީ، ޑިޒްނީލޭންޑް ބާލަލަން ދާން، ދަތުރަކަށް ތައްޔާރުވަމުންނެވެ.

"އަހަރަމެންގެ މުޖުތަމައު އޮންނަ ގޮތުން، މިކަހަލަ ކަންކަމުގައި އަންހެން ކުދިން އެއްވެސް އެއްޗެއް ނުބުނާނެ" ސިލްވާތު ކިޔައިދިނެވެ.

"އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކާނެ. އުރައްމައްޗޭވެސް ބުނެވެން އަހަރެންނަކަށް ނެތް. އަހަރެންގެ މަންމަ ވަނީ މަރުވެފަ. އާއިލާގަ ހުރި ހަމައެކަނި އަންހެނަކީ އަހަރެން. އެހެންވެސް އަހަރެން ހިމޭނުން އިނީ" ސިލްވާތު އިތުރަށް ތަފްސީލުކޮށްދިނެވެ.

ސިލްވާތުގެ އާއިލާއިން ދަތުރުގައި ފޯރިނަގަމުންދިޔައިރު އޭނާގެ އުރަމަތީގައި ގަނޑުލާފައި އިން ތަން ދިޔައީ ބޮޑުވަމުންނެވެ. އާއިލާއަށް އެކަން ސިއްރުކުރުމަށް ސިލްވާތު ބޭނުންކުރަމުންދިޔައީ އިންތިހާއަށް ގަޔަށް ދޫކޮށްހުންނަ ބެގީ ހެދުންތައް ކަމަށް އޭނާ ބުންޏެވެ.

އުރަމަތީގެ ކެންސަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކޮމްޕިއުޓާ ޖެނެރޭޓަޑް ތަސްވީރެއް/ފޮޓޯ: ވެރީވެލް ހެލްތް

ސިއްރު ސިއްރުން އުޅެމުން ގޮސް، ފަރުވާއާއި ހިސާބަށް ސިލްވާތަށް ދެވުނީ އޭގެ 6 މަސްދުވަސް ފަހުންނެވެ. އޭރު، އޭނާއަށްވަނީ ސްޓޭޖު 3 ގެ ދަރަޖައަށް އުރަމަތީގެ ކެންސަރު ޖެހިފައެވެ. މާނައަކީ ސިލްވާތުގެ އުރަމަތީގައި އުފެދުނު ޓިއުމަރު ބޮޑުވެ، ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރުމުގެ ނުރައް އިންތިހާއަށް ބޮޑުވެފައިވާކަމެވެ.

އުރަމަތީ ބަލިތަކަށް ފަރުވާ ހޯދުމަށް އަންހެނުން ފަސްޖެހި ލަދުގަތުމަކީ، ޕާކިސްތާނުގައި އުރަމަތީގެ ކެންސަރު އިންތިހާއަށް އިތުރުވަމުންދާ އެންމެ ބޮޑު އެއް ސަބަބެވެ. މީގެ އިތުރުން ބޯދާ ގަބޫލުކުރުންތަކެއް ސަބަބުން، ޕާކިސްތާނުގައި އަންހެން މީހާގެ ސިއްހަތަކީ މާ ބޮޑު އަގެއް ހުންނަ އެއްޗެއް ނޫންކަމަށްވެސް އެގައުމުގެ ހާލަތު ދަންނަ ޑޮކްޓަރުން ބުނެއެވެ. މީގެ އިތުރުން މިކަމުގައި އިގުތިސޯދާ މާލިއްޔަތާ ގުޅިފައިވާ ސަބަބުތަކެއްވެސް ހުރެއެވެ. ޕާކިސްތާނުގައި އުރަމަތީގެ ކެންސަރަށް ފަރުވާ ކުރުމަށް ދިރިއުޅުން ބަދަލުކުރަން ޖެހެނީ ބޮޑެތި ސިޓީތަކަށެވެ. އެހެންކަމުން އެ އަންހެން މީހާއަށް ބަރޯސާވެގެން އޮތް އެތައް މެމްބަރުންގެ މައްޗަށް އެކުލެވޭ އާއިލާތައްވެސް އެ ސިޓީތަކަށް ބަދަލުވާން މަޖުބޫރުވެއެވެ.

ނިމިގެން މިދާ އޮކްޓޯބަރު މަހަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުގެ މަހެވެ. އުރަމަތީގެ ކެންސަރަކީ މި ރާއްޖޭގައިވެސް މިފަހަކަށް އައިސް އާންމުވަމުން އަންނަ ބައްޔެކެވެ. ވިސްނަންވީ ކަމަކީ، މިއީ ލަދުގަންނަންޖެހޭނެ ކަމެއް ނޫންކަމެވެ. މިއީ ދުރާލާ ފަރުވާ ހޯދަންޖެހޭނެ ބައްޔެއްކަން އެންމެންވެސް ގަބޫލުކުރަންޖެހެއެވެ.