އިނގިރޭސިވިލާތުގެ އެސެކްސް ސަރަހައްދުން ހިފަހައްޓާފައިވާ ފިނިކުރެވޭ ނިޒާމު ހަރުކުރި ލޮރީގެ ތެރެއިން 39 ހަށިގަނޑަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް، އިނގިރޭސި ފުލުހުން ފަށައިފިއެވެ.

ރިވާ ތޭމްސްގެ ޕާފްލީޓަށް މި ލޮރީ ދަތުރުކުރީ ޒީބްރޫގް، ބެލްޖިއަމްއިންނެވެ.

މި ލޮރީތެރޭގައި އިންސާނުންގެ ހަށިގަނޑުތަކެއް ހުރިކަން އެނގުނީ އެސެކްސްއަށް މި ލޮރީ ވަތްތާ ގާތްގަނޑަކަށް ގަޑިއިރެއް ހާއިރު ފަހުން، ވޯޓާގްލޭޑް އިންޑަސްޓްރިއަލް ޕާކް ސަރަހައްދުންނެވެ. އޭރު ލޮރީ ދުއްވަން އިނީ އުމުރުން އެންމެ 25 އަހަރުގެ މޯ ރޮބިންސަން ނަމަކަށް ކިއާ ޒުވާނެކެވެ. އޭނާއަކީ ނޮދާން އަޔަލަންޑަށް ނިސްބަތްވާ މީހެކެވެ. އިނގިރޭސިވިލާތުގެ ފުލުހުން ދަނީ މިމައްސަލައާއި ގުޅިގެން އޭނާއާއި ސުވާލު ކުރަމުންނެވެ.

ލޮރީ ތެރެއިން ފެނުނު 39 ހަށިގަނޑުގެ ތެރޭގައި، ފުރާވަރު އުމުރުގެ ކުއްޖެއްގެ ހަށިގަނޑު ހިމެނޭކަންވެސް އެސެކްސް ފުލުހުންގެ ޑެޕިއުޓީ ޗީފް ކޮންސްޓަބަލް ޕިޕާ މިލްސް ވަނީ ހާމަކުރައްވާފައެވެ. މިއީ ކޮންކޮން ބައެއްގެ ހަށިގަނޑުތަކެއްކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނީ، އެ މީހުންގެ އަބުރަށް އުނިކަމެއް ނުލިބޭ ފަދަ ގޮތަކަށް ކަމަށްވެސް ޕިޕާ ވަނީ ވިދާޅުވެފައެވެ. މިއީ ކޮން ބައެއްކަން ދެނެގަތުމަކީ މިވަގުތު އެންމެ މުހިންމު މަސައްކަތް ކަމަށާ، ނަމަވެސް މިއީ ވަގުތުތަކެއް ހޭދަވާނެ މަސައްކަތެއް ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ލޮރީތެރޭގައި ހުރި ގަބުރުތަކާއެކު، ކަމާބެހޭ ސަރަހައްދަށް އެ ލޮރީ ދުއްވާފައި ގެންދެވުނުއިރު އެސަރަހައްދުގައި ތިބި ފުލުހުންގެ އޮފިޝަލުންވެސް ވަނީ މަރުވި މީހުންނަށް އިހުތިރާމް އަދާކޮށްފައެވެ.

ގިނަ އަދަދެއްގެ އިންސާނުންގެ ހަށިގަނޑު ލޮރީއެއްގެ ތެރެއިން ފެނުނު މައްސަލައާއި ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ނޮދާން އަޔަލަންޑްގެ ފުލުހުން ވަނީ އެ މީހާއާއި ގުޅުންހުރި 2 ގެއެއް ރެއިޑްކޮށް، ބަލާ ފާސްކޮށްފައެވެ. އިނގިރޭސިވިލާތުގެ ފުލުހުންވަނީ މި ލޮރީ ދަތުރުކުރަމުންދިޔަ މަގުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އާންމުންނަށްވެސް ގޮވާލާފައެވެ.

ބަލްގޭރިއާގެ ހާރިޖިއްޔާގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގައި ހިމެނޭ ލޮރީ ރަޖިސްޓްރީ ކޮށްފައިވަނީ އައިރިޝް މީހެއްގެ ނަމުގައި ކަމަށާ، އަދި ލޮރީއިން ފެނުނު މީހުންނަކީ ބަލްގޭރިއަށް ނިސްބަތްވާ ބައެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، މިއީ ހިޔާލަށްވެސް ގެންނަވަން ދަތި ކާރިސާއެއް ކަމަށާއި، މިއީ ހިތް ކުދިކުދި ވެގެންދާ ފަދަ ކަމެއް ކަމަށެވެ.