މާލެ އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު މަގާމުން ވަކި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ކ. ތުލުސްދޫގައި މެޖިސްޓްރޭޓް ރާޣިބުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާތީ އެ މައްސަލަ ބެލުމަށްފަހު އެ ގޮތަށް ނިންމާފައިވަނީ ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބުނީ، ފަނޑިޔާރު ކަމުން ރާޣިބު ވަކިކޮށްދިނުމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ. ފަނޑިޔާރު ކަމުން ރާޣިބު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައި މިވަނީ އޭނާގެ ސުލޫކީ މައްސަލަ ބެއްލެވުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީން އެ މައްސަލަ ރާޣިބުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމުމުންނެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރާޣިބުގެ މައްސަލަ ޖޭއެސްސީން ބަލަން ފަށާފައިވާ އިރު އޭރު ޖޭއެސްސީން ބުނެފައިވަނީ މުހައްމަދު ރާޣިބުގެ މައްސަލަ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާ އެކު ތަހުގީގު ކުރާ ކޮމިޓީއަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި މެޖިސްޓްރޭޓް ރާޣިބުގެ ޖުމްލަ އަށް ޝަކުވާ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރާޣިބުއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެކެވެ. އެ މައްސަލަތަކާ ގުޅިގެން ޖޭއެސްސީން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންގެ ބަޔާން ނަގާފައެވެ. އަދި ރާޣިބުއާ ސުވާލުކޮށް އޭނާގެ ބަޔާނެއް ވެސް ނަގާފައި ވެއެވެ.