ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ޖިންސީ ގޯނާކުރި ޓީޗަރު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ޓީޗަރު ޖިންސީ ގޯނާ ކުރީ ކިތައް ކުދިންނަށް ކަމެއް މިހާތަނަށް ސާފު ވެފައެއް ނުވެއެވެ. އެ ބިދޭސީ ޓީޗަރުގެ މައްސަލައާ ގުޅިގެން އެ ރަށުގެ ބެލެނިވެރިން ދަނީ ނުރުހުން ފާޅު ކުރަމުން ކަމަށް މައުލޫމާތުލިބެއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރަ ކުރުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. އެގޮތުން، މި މަހުގެ 7 ވަނަ ދުވަހު މެދު ރާއްޖެތެރޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި، ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 62 އަަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ބ. އަތޮޅު ގޮއިދޫ ފިރިހެނެކެވެ.
މީގެ އިތުރުން، ބ. ގޮއިދޫ ގުރުއާން މުދައްރިސެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަަ، 9 އަހަރަށް ފަހު ޝަރީއަތް ނިންމާލި އިރު އިންސާފެއް ނުލިބުނު ވާހަކަ އަކީ ނިމިދިޔަ ހަފްތާތެރޭގައި ސޯޝަލް މީޑިއާގައި ވަރަށް ގަދައަށް ދެކެވުނު ވާހަކައެކެވެ. މި މައްސަލައިގެ ޝިކާރައަކަށް ވީ، މިހާރު އުމުރުން 26 އަހަރުގެ އަންހެން މީހާ "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ވަނީ، އޭނާގެ އުމުރުން 14 އަހަރުގައި 2007 ވަނަ އަހަރު މި މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، 2010 ވަނަ އަހަރުން ފެށިގެން ކޯޓުގައި އެ މައްސަލަ ބެކުމަށްފަހު، މައްސަލަ ނިންމާ މިމަހު 1 ވަނަ ދުވަހު ހުކުމް އިއްވާފައި ވަނީ އޭނާއަށް ބޭއިންސާފުވެރިކޮށް ކަމަށެވެ.