ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމަށްވާތީ، އެއްބަސްވުން ނިމުމަކަށް ގެނެސް، މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ދީފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗައިން ބާތިލުކުރުމާ ގުޅިގެން އެ މަޝްރޫޢާމެދު ޢަމަލުކުރާނެ ގޮތުގެ ލަފަޔަކަށްއެދި، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން އެ އޮފީހަށް ލިޔުމެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މަޝްރޫއަކީ 7 މެއި 2019 ގައި ބީލަމުގެ އުޞޫލުން އިއުލާނުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށްވާއިރު، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތެއްގެ ގޮތުން މަސައްކަތަށް ކުރިމަތިލާ ކޮންޓްރެކްޓަރަކީ “ނެޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ”ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭނެ ކަމަށް ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އެ މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށް، 10 ޖުލައި 2019 ގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ، 20 އޮގަސްޓް 2019 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗައިން ބާތިލުކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ފަރާތުން ކުންފުނީގެ ރަޖިސްޓްރީ ބާތިލުކޮށްފައި ވަނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމާއި، އެ ކުންފުނި ރަޖިސްޓްރީކުރެވިފައި ވަނީވެސް އެ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތީސް ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އެ މައްސަލައިގައި ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑަކީ މަސައްކަތަށް ބީލަން ހުށަހެޅިއިރުވެސް ބީލަމުގެ ޝަރުޠު ފުރިހަމަވެފައިވާ ކުންފުންޏެއްކަމަށް ނުވާތީއާއި، 20 އޮގަސްޓް 2019 ގައި ކުންފުންޏަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ސަބަބުން އެ ކުންފުންޏަކީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްނުވާތީ، އެ މަޝްރޫޢާ ގުޅޭގޮތުން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ގައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމާއި، އެހެންކަމުން، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބީލަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް އައްޔަނުކުރުމަށް އެ އޮފީހަށް ފެންނަ ކަމަށެވެ.