ކޮއްކޯފުޅު އަދި އިނގިރޭސި އަމީރު ހެރީއާއި މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޑިއުކް އޮފް ކޭމްބްރިޖު ޕްރިންސް ވިލިއަމް ވިދާޅުވެއްޖެއެވެ.

ޝާހީ އާއިލާގެ މަސްދަރަކާ ހަވާލާދީ އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިންސް ހެރީއާއި މެދު ޕްރިންސް ވިލިއަމް ކަންބޮޑުވުންފާޅުކުރައްވާފައި ވަނީ، އައިޓީވީގެ ޑޮކިއުމަންޓްރީއަކަށް ޕްރިންސް ހެރީ ދެއްވި ބަސްދީގަތުމެއްގައި، އޭނާގެ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ އާންމު ކުރެއްވުމާ ގުޅިގެންނެވެ.

ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސް ޕްރިންސް ހެރީއާއި މޭގަން މާކެލްގެ ބަސްދީގަތުމުގައި އެދެމަފިރިންވެސް ތަކުލީފުތަކެއް އުފުއްލަވަމުންދާކަމަށް ވިދާޅުވެފައިވާއިރު، ޝާހީ އާއިލާގެ މަސްދަރަކުން ވަނީ އެދެމެފަރިފިން މިވަގުތު ތިއްބެވީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށްވެސް އިޝާރާތްކޮށްފައެވެ.

އައިޓީވީގެ ޑޮކިއުމަންޓްރީއަކީ ޕްރިންސް ހެރީގެ ދެމަފިރިން، މިމަހުގެ ކުރީކޮޅު އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް ކުރެއްވި ދަތުރުފުޅާ ގުޅުންހުރި ޑޮކިއުމަންޓްރީއެކެވެ. މި ޑޮކިއުމަންޓްރީގައި ޕްރިންސް ހެރީއާއި މޭގަންވެސް ވަނީ އިނގިރޭސި ޓެބްލޮއިޑްތަކުގައި އެދެމަފިރިންނާ ގުޅިގެން ދައްކަމުންދާ ވާހަކަޔަކުގެ ސަބަބުން ނުތަނަވަސްކަން ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ.

މި ބަސްދީގަތުމުގައި ޕްރިންސް ހެރީވަނީ ބޭބޭފުޅު ޕްރިންސް ވިލިއަމްއާއި އެދެބެންގެ ގުޅުމުގައު "ކުނިޖެހޭ" ދުވަސްދުވަސްވެސް އަންނަ ކަމަށް ވިދާޅުވެފައެވެ. މި ދަނޑިވަޅަކީ ދެ އަމީރުންގެ ކުޑަ އާއިލާއިންވެސް ވަކި ގަނޑުވަރުތަކެއްގައި ދިރިއުޅުއްވަމުން ގެންދަވާ ދަނޑިވަޅެކެވެ.

އާދީއްތަ ދުވަހު އޮންއެއާ ކުރި ޑޮކިއުމަންޓްރީގައި ޕްރިންސް ހެރީ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޕްރިންސް ވިލިއަމް ކޯފާ އިސްކުރެއްވި ކަމަށް މީޑިއާގައި ދެކެވުނު ވާހަކަތައް، ޝާހީ ގަނޑުވަރުން ވަނީ ދޮގުކޮށްފައެވެ.