މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލްގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ އެ ބޭންކަށް ވަނީ ލިބިފައެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައި ވާއިރު މިއީ މިދިޔަ ކުއާޓާ އާ އަޅާބަލާއިރު 5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 ޕަސެންޓް އިތުރު އަދަދެކެވެ.

ބޭންކުގެ ފަންޑިން ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދާފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައި ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ތިންވަނަ ކުއާޓާގައި ބީއެމްއެލް އިން ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތައް ހުޅުވާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލް އިން ވަނީ ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ގާއިމްކޮށްފައެވެ. ކުރިއަރަމުން އަންނަ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ހެޑްކުއާޓާސް އެއްވެސް ބޭންކުން ހުޅުވާފައިވަނީ މި ކުއާޓާގައެވެ. އަދި 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ހަރަކާތްތަކަށް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ / ފޮޓޯ: ބީއެމްއެލް

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މި އަހަރުގެ ފުރަރަމަ 6 މަހުގައި ހޯދުނު ކާމިޔާބު ނަތީޖާ ދަމަހައްޓައި، ބޭންކް ކުރިއަރައި ދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ކާމިޔާބު ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ސޯޔާ ވިދާޅުވީ، އިންވެސްޓްމަންޓާއި ޕްރޮވިޝަން ހަރަދު ބޮޑުވިކަމުގައިވީ ނަމަވެސް ބޭންކުގެ ހިދުމަތާއި ޕްރޮޑަކްޓް ތަކަށް އޮތް ޑިމާންޑް ގެ ސަބަބުން މުހިންމު ހުރިހާ ދާއިރާ އަކުންވެސް ރަނގަޅު ފައިދާއެއް ލިބިފައިވާ ކަމަށާއި، މިއަހަރުވެސް ކާމިޔާބުކަމާއެކީ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސޯޔާ ވަނީ، ބޭންކުން ހޯދަމުންދާ ނަތީޖާ ދެމެހެއްޓުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ހީވާގި ކަމާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭންކުގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސާވިސް ބޭންކިން ސެންޓަރު، 113 އޭޓީއެމް، 5700 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.