އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުސައިން ފިޔާޒު މޫސާ، އަތަމާގެ ތ. ވިލުފުށި އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.

އިންފޮމެޝަން ކޮމިޝަނަރު ކަމަށް ފިޔާޒު އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ، މިއަދު މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވި 74 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 72 މެންބަރުންްގެ އިއްތިފާގުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސް އިބްްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަން ކޮމިޓީން ދިރާސާކޮށް، އޭގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފޮނުވާފައި ވަނީ އިއްޔެއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، މަޖިލީހަށް ފޮނުވި ތިން މެންބަރުންގެ ތެރޭގައި ފިޔާޒުގެ އިތުރުން ހިމެނެނީ، އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ އަދި އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަމީއެވެ. އެ ކޮމެޓިއިން ބުނެފައި ވާގޮތުގައި، މި ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވަން ކޮމިޓީން ފާސްކުރީ އިންޓަވިއު ކުރުމަށްފަހު ކަމަށެވެ. އަދި ތިން ބޭފުޅުންނަށް ވެސް ވަކިވަކިން ވޯޓަށް އަހާނެ ކަމަށް ބުނެފައިވީ ނަމަވެސް، ފިޔާޒަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުން ވޯޓު ދެއްވުމުން ދެން ހުރި ނަންތަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. އެނާ މަގާމަށް އައްޔަން ކުރީ 2014 ޖުލައި 22 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ.