ގއ. ދާންދޫ ގައި ބާއްވާ 'ގއ. އަތޮޅު ލީގު - ޒަމާނީ ބަށިބޯޅަ މުބާރާތް 2019'ގެ ފައިނަލް މެޗު ހުއްޓުވުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލު ކޮށްދިނުމަށް އެދިއްޖެއެވެ.

ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ބަށި މުބާރާތުގެ ފައިނަލް މެޗު ހުއްޓުވާފައި ވަނިކޮށް، އެ އަތޮޅު މާމެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވާފައެެވެ. ނިލަންދޫ ކޯޓުން އަމުރު ނެރުނީ މި މުބާރާތުގައި ކުޅުނު ޓީމާއި، މުބާރާތް އިންތިޒާމް ކުރާ ފަރާތާ ދެމެދު އޮތް މައްސަލަ ހައްލު ކުރެވެންދެނެވެ.

އަންހެނުންގެ ކޮމިޓީން ޖޭއެސްސީއަށް ފޮނުވި ސިޓީގައި، މި މުބާރާތުގެ މައްސަލަ ބައްލަވާ ފަނޑިޔާރު، މެޖިސްޓްރޭޓް އަބްދުލް މުހުސިމް އަބްދުލްހަކީމް ބަދަލުކޮށްދިނުމަށް އެދިފައިވަނީ، މި މުބާރާތުގައި ހިމެނޭ ޓީމް ތަކުގެ ތެރޭގައި ނިލަންދޫ ބަށި ޓީމެއް ވެސް ހިމެނޭތީ، އެރަށު ކޯޓުން މި މައްސަލަ ބައްލަވަނީ މި މައްސަލައިގެ މަސްލަހަތު ހިމެނޭ ފަނޑިޔާރެއް ކަމަށް ބުނެއެވެ.

އެ ކޮމިޓީން ބުނީ، ނިލަންދޫ ކޯޓުން ބަށި މުބާރާތުގެ މައްސަލަ ބެލުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ނުދެކޭ ކަމަށާއި، އެކަމުގެ ސަބަބުން ޓީމްތަކުގެ ހައްގުތައް ވެސް ގެއްލިގެން ހިނގާދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ މަހު 28 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ 'ގއ. އަތޮޅު ލީގު - ޒަމާނީ ބަށިބޯޅަ މުބާރާތް 2019'ގެ ފައިނަލް މެޗު ކުރިއަށް ނުގެންދިއުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނީ، މި މުބާރާތުގެ ފައިނަލް މެޗާ ހަމައަށް ދިޔައިރު މި މުބާރާތުގައި ކުޅުނު ޓީމަކާއި މި މުބާރާތް އިންތިޒާމް ކުރާ ފަރާތާ ދެމެދު ހިތްނުތަނަވަސް ވުމެއް އޮތުމުގެ ސަބަބުންނެވެ.

ނިލަންދޫ ކޯޓުން މި އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިވާއިރު، ފުލުހުން ވަނީ މި މައްސަލަ ސުލްހަވެރިކަމާއި އެކު ހައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ދާންދޫ ކައުންސިލާއި މަޝްވަރާ ކޮށްފައެވެ. އަދި އެރަށު ކައުންސިލުން ވަނީ މި ކޯޓު އަމުރަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދީފައެވެ.