އިންސާނީ ވަގުފާރީގެ ކަންކަން ސަރުކާރުގެ ބޮލަށް ޖަހާފައި ތިބި މީހުން ހޯދަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުވެސް އެތައް ހާސް ބިދޭސީންނެއް ވަނީ ގަލޮޅު ދަނޑު ފުރާލާފައެވެ.

އެ ކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ، ގާވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރަނގަޅަށް ބަލާ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަަމަށެވެ. އަދި އެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ފަހު އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި ބުނަނީ މިކަން ތަހުގީގު ކުރަން ޖެހޭނޭ. ތަހުގީގު ކުރީމަ އިނގޭނީ ކާކު ކޮންކަމެއް ކަން ކުރީ"
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

މީގެ އިތުރުން މި ކަން ކުރި މީހުންނަކީ ކޮބައިކަން ބަލަން ޖެހޭ ކަމަށާއި، މި ވަރުގެ ކަމެއް ކުރުމަށް ފަހު އެކަން ހައްލު ކުރުމަށް ސަރުކާރާއި ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައި ތިބި މީހުން ހޯދަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ފަށާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ އަންނަ މައްސަލައިގައި އޭނާއަށް ފާޑުކިއުން އަމާޒުވެފައިވާ ކަމަށެވެ. އެގޮތުން، އޭނާ އަމިއްލަފުޅަށް ކޯޓާ ވިއްކަވާ ވާހަކަ ވެސް ބައެއް ފަރާތްތަކުން ދައްކާ ކަން ފާހަގަ ކުރައްވާ ފައްޔާޒް ވަނީ އެފަދަ ކަމެއް އޭނާ ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވެފައި ވެއެވެ.

ގަލޮޅު ދަނޑުގައި ރެޖިސްޓާވާން ތިބި ބިދޭސީން - ފޮޓޯ: އިކޮނޮމީ އެންޑް ޓްރޭޑް

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅުލައްކައަށް އަރާނެ ކަމަށާއި، ސީދާ އަދަދު އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވާއިރު، މި އަދަދުގެ ދެބައިކުޅަ އެއްބަޔަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ.

މީގެ ކުރިން މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވެފައި ވަނީ، މަކަރާއި ހީލަތް ހަދައިގެން ރާއްޖެއަށް މީހުން އެތެރެ ކުރި ހުރިހާ އެންމެން ހޯދާ، އެ މައްސަލަތައް ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށެެވެ. އަދި އިމިގްރޭޝަންގެ އެތެރެއިން ކަމުގައި ވިޔަސް ބޭރުން ކަމުގައި ވިޔަސް އިންސާނީ ވަގުފާރީން ހާމަ ވާނެ ކަމަށް ހަނަފީ ވިދާޅުވެފައި ވެއެވެ.

ނަމަވެސް ސަރުކާރަށް އަހަރެއް ވާން ދާއިރު މިކަމުގައި ޝަމިލްވި މީހުންނާ ބެހޭ އެއްވެސް މައުލޫމަތެއް ސަރުކާރަށް ހާމަ ކުރެވިފައެއް ނުވެއެވެ. އަދި މި 'ޖަރީމާ ހިންގާފައި އޮތް މިންވަރު' ވެސް ސަރުކާރަށް ބުނެދެވިފައެއް ނުވެއެވެ.