ހއ. ބާރަށުގައި ގަވާއިދާ ހިލާފަށް ރުއްގަސް ނަގާ ބޭރުކުރާ މައްސަލަަ ބަލަން ނިންމައިފިއެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، ހއ. ބާރަށުގައި ކުރިއަށްދާ މަޝްރޫއެއްގެ ތެރެއިން ގަވާއިދާ ހިލާފަށް ރުއްގަސް ނެގުމަށްފަހު، އެ ރަށުން ބޭރުކުރާ ކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ. އެ މައްސަލަ ބެލުމަށް އެ މިނިސްޓްރީ އާއި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އޮފިޝަލުން މާދަމާ އެރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން ރުއްގަސް ނަގާ އަދި ރަށުން ބޭރުކުރާ މައްސަލަ ބަލާ ވަކިގޮތެއް އަންގަންދެން އެ މަސައްކަތް ކުރިއަށް ގެންދާ ފަރާތްތަކަށް މަސައްކަތް ހުއްޓާލުމަށް އީޕީއޭއިން އަންގާފައިވާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އީޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް 19 ރަށަކުން ރުއްގަސް ނެގުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެ ރަށްތަތަކީ، ށ. ނަރުދޫ، އއ. ތޮއްޑޫ، ރ. ރަސްމާދޫ، ރ. ވާދޫ، އއ. މަތިވެރި، ލ. ގަން، ރ. ރަސްގެތީމު، ލ. ހިތަދޫ، ހއ. މޮޅަދޫ، ރ. އަނގޮޅިތީމު، ލ. ކުނަހަންދޫ، ހއ. ބާރަށް، ނ. މަގޫދޫ، ނ. މަނަދޫ، ފ.މަގޫދޫ، ށ. ފޯކައިދޫ، ށ. ގޮއިދޫ، ނ. ޅޮހި، މ. ވޭވަށް މިއެވެ.

ރުއްގަސް ނެގުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރުއްގަސް ނަގާ ފަރާތްތަކުން، ބަދަލުގައި ރުއްގަސް އިންދާތޯ އީޕީއޭއިން ބަލަމުން ނުދާ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ މީހުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްްފައެވެ. ނަަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީޕީއޭއިން ބުނީ ރަށު ކައުންސިލުތަކާއި ފުލުހުންގެ އެހީތެރިކަމާ އެކު، ބަދަލުގައި ރުއްގަސް އިންދާތޯ އެ އެޖެންސީއިން ބަލާ ކަމަށެވެ.

ރަށްރަށުން ރުށް ނަގައިގެން ރަށުން ބޭރުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން، މިދިޔަ މޭ މައުހު ލ. ގަމުން ރުއް ނަގައިގެން ބޭރުގެ ކޮޅުވެއްޓިއަކަށް ބަރުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅީގެން ކަސްޓަމްސް އިން ބުނެފައިވަނީ އެ އުޅަނދަށް ރުއް ބަރުކުރަމުން ދިޔައީ ގަމު ކައުންސިލުން ހުއްދަ ދީގެން ކަމަށެވެ.