ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށްނުލާ، ކޮންމެ މީހަކީވެސް ގާބިލު މީހަކަށް ހެދުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ގާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެން ކަމަށެވެ. އެގޮތުން ކޮންމެ ގައުމަކުން ވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތް ކުރަނީ މި ސަބަބަށްޓަކައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ތަރައްގީގެ ގިނަގުނަ ކަންތައްތަކެއް ރާއްޖޭގައި ކުރަމުން އަންނައިރު ބޭރުމީހުންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށް ނުލައި ކަންކަން ރާވައި ހިންގަން މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ދިވެހިންނަކީ ހުނަރުވެރި، ފަސޭހައިން ކަންކަން ދަސްކުރާ ބައެއް ކަމަށާއި، ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުން ވެސް ދިވެހީންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ކަމަށް ކަމޭ ހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ދިވެހި ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވަމުން އެމަނިކުފާނު ވަނީ، ވަޒީފާގެ ވަގުތު ހެޔޮގޮތުގައި ބޭނުންކޮށް، މަސައްކަތަށް ކަމޭހިތައިގެން ހުނަރުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނުން އިސްނަގައިގެން ތައާރަފުކުރި މި ސްކީމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން ފަހިކޮށްދޭނެއެވެ.