ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެން ނިޔާވެފައިވާ ގދ.ތިނަދޫ، ޒިޔާދާ ނައީމް ނިޔާވި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް މިއަދު ހައިކޯޓުގައި ފެށިއްޖެއެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާއެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މިއަދު ހުޅުވާލައިގެން ފެށުމުން ޕީޖީން ވަނީ ބައެއް ދައުވާތައް ސިއްރުކޮށްދިނުމަށް އެދިފައެވެ. ޕީޖީ މިހެން އެދިފައި ވަނީ، ރޭޕްގެ މައްސަލަތަކަކީ ގާނޫނުގެ ދަށުން ސިއްރުކޮށްގެން ކުރިއަށްދާ މައްސަލަތައް ކަމަށް ވާތީއެވެ. އަދި އެ މައްސަލަގެ އިތުރަށް މަރުގެ ދެ ދައުވާ ވެސް ޕީޖީން ވަނީ ސިއްރުކޮށް ދިނުމަށް އެދިފައެވެ. އެއީ، އެ ދެ ދައުވާގެ ހެކިތަކަކީ ވެސް ރޭޕްގެ މައްސަލާގައި ހިމެނޭ ހެކިތައް ކަމަށް ވެފައި، ތިން ދައުވާ ވެސް ކޮށްފައިވަނީ އެއް ހާދިސާއެއް، އެއް ވާގިޔާއެއްގެ މައްޗަށް ކަމަށެ ވެފައެވެ. އަދި ރޭޕްގެ މައްސަލަ ސިއްރުކޮށްގެން ދިޔަސް، އަނެއް ދެ ދައުވާގެ އަޑުއެހުން ހުޅުވާލައިފިނަމަ ޒިޔާދާ އަދި އޭނާގެ ދަރީންގެ މަސްލަހަތު ގެއްލިދާފަދަ މައުލޫމާތުތަކެއް ވެސް އާންމުވެދާނެ ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީގެ އެދުމަށް މި މައްސަލާގައި، ޝާހުގެ މައްޗާށް އުފުލާފައިވާ، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ސިއްރު ކުރުމަށް ޝަރީއަތުން ނިންމާފައިވީ ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުޅުވާލައިގެންނެވެ. އެގޮތުން މިއަދު ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ނޫން، އެހެން ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައެވެ.

ޒިޔާދާގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މިދިޔަ އޭޕްރިލް 14 ވަނަ ދުވަހު މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެވެ. ޕީޖީ އޮފީހުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ، ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އުންސުރުތައް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭނެ ހެކި ގަރީނާ ޝަރީއަތަށް ހުށަހެޅުނު ކަމަށާއި، އެ ހެކި ގަރީނާތަކަށް އެކަށީގެންވާ ބުރަދަން ޝަރީއަތުން ދެއްވާފައިވާކަމަށް ގަބޫލު ނުކުރާކަމަށް ބުނެއެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެއެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓެމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާ އަކީ އޭނަގެ ފިރިމީހާ ޝާހު، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެެކެވެ.