މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެސްޓް ހައުސެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ ގެސްޓް ހައުސްއެއްގެ ރޫމެއްގަި ދިރިއުޅެމުންދިޔަ އާއިލާއެއްގެ ތެރެއިން މީހަކު މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ފަހު 3:00 ހާއިރު ކަަމަށެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އަންހެންމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އައިޖީއެމްއެޗް ގައި ހަރަކާތްތެރިވަމުންނެވެ.

މާލޭގެ ގެސްޓްހައުސްތަކުގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. މިދިޔަ ޖޫން މަހުގައި ވެސް މާފަންނުގައި ހުރި ގެސްޓް ހައުސަކުން ވަނީ މަރުވެފައި އޮތް 22 އަހަރު ދިވެހި ފިރިހެނަކު ފެނިފައެވެ. އަނގައިން ފޮނުތަކެއް ފައިބާފައި އޮތް މީހާ ފެނުނު އިރު އެމީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު މާލޭގައި ހުންނަ ވިކްޓްރީ ގެސްޓް ހައުސްއިން 24 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާވެސް ވަނީ ފެނިފައެވެ.