އިންފޮމޭޝަން ކޮމިޝަނަރަށް ރުހުން ދިނުން މާދަމާގެ މަޖިލީސް ޖަލްސާއަށް ތާވަލު ކޮށްފިއެވެ.

މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަން ދިރާސާކޮށް، އޭގެ ތެރެއިން ތިން ނަނެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފޮނުވާފައި ވާކަމަށެވެ.

  1. ހުސައިން ފިޔާޒު މޫސާ، އަތަމާގެ ތ. ވިލުފުށި
  2. އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
  3. އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ

މީގެ އިތުރުން އެ ކޮމެޓިއިން ބުނެފައި ވަނީ، މި ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވަން ކޮމިޓީން ފާސްކުރީ އިންޓަވިއު ކުރުމަށްފަހު ކަމަށާއި އެހެން ނަމަވެސް އެބޭފުޅުންނަށް މާކްސް ދީފައި ނުވާކަމަށެވެ. އަދި މާދަމާގެ ޖަލްސާގައި ކޮންމެ ބޭފުޅަކަށް ވެސް ވަކިވަކިން ވޯޓަށް އަހާނޭ ކަމަށްވެސް އެ ކޮމެޓީއިން ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. އެނާ މަގާމަށް އައްޔަން ކުރީ 2014 ޖުލައި 22 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ.