އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުން ނުވަތަ "ބްރެގްޒިޓް"އަށް ކަނޑައަޅާފައިވާ އެންމެ ފަހު ސުންގަޑިއިއަށް އަނެއްކާވެސް މުހުލަތު އިތުރުކޮށްދެއްވުމަށް އެދި، އިނގިރޭސި އާ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ނަމުގައި ވިލާތުގެ އިއްތިހާދަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ނަމަވެސް މި ސިޓީފުޅުގައި ޖޯންސަން ކުރައްވާފައެއް ނުވެއެވެ.

މިއާ ވިދިގެން ޖޯންސަންގެ ސޮއިއާއިއެކު ދެވަނަ ސިޓީފުޅެއްވެސް ވިލާތުގެ އިއްތިހާދަށް ވަނީ ފޮނުއްވާފައެވެ. މި ސިޓީފުޅުގައިވާ ގޮތުން، ބްރެގްޒިޓް ތަންފީޒުކުރުން ފަސްކުރުމަކީ ހެދޭ ބޮޑު ގޯހެއް ކަމުގައި ޖޯންސަން ދެކެވަޑައިގަންނަވައެވެ.

މިހާރު ހަމަޖެހިފައި އޮތް ގޮތުން ނަމަ އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަންޖެހޭ ސުންގަޑިއަކީ މިމަހުގެ 31 ވާ ބުރާސްފަތި ދުވަހެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުންވަނީ، މިމުއްދަތު އިތުރުކޮށްދިނުމަށް ވިލާތުގައި އެދިވަޑައިގަތުމަށް ޖޯންސަންގެ މައްޗަށް ލާޒިމުކުރައްވާފައެވެ.

ޔޫރަޕިއަން ޔޫނިއަން ކައުންސިލްގެ ރައީސް ޑޮނާލްޑް ޓަސްކް ވަނީ އިނގިރޭސިވިލާތުގެ ފަރާތުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާކަމަށް ބުނާ ސިޓީއެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ދޭނެ ޖަވާބަކާ ބެހޭ ގޮތުން ވިލާތުގެ އިއްތިހާދު ލީޑަރުންގެ ބަހެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ޓަސްކް ވަނީ އިޝާރާތް ކުރައްވާފައެވެ.