ދ. ހުޅުދެލި ކައިރިން މަސްކިރުވޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިދާ ހަފްތާއެއްގެ ތެރޭގައި، ދ. ހުޅުދެލި ކައިރިން މަސްކިރަން ފަށައިފިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުދެލި ކައިރިން މަސްކިރަން ފެށީ އިއްޔެ ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުދެލި ކައިރިން މަސް ކިރަނީ ކޫއްޑޫ ބޯޓަކުން ކަމަށާއި އެ ބޯޓަކީ 30 ހަކަށް ޓަނުގެ މަސް ކިރޭ ބޯޓެއް ކަމަށެވެ.

އިއްޔެ މަސް ކިރުމަށް ފަހު އެ ބޯޓު ވަނީ ހުސްކުރުމަށް ކޫއްޑޫއަށް އެނބުރި ގޮސްފައި ކަމަށާއި މަސްވެރިކަން ހުރި ގޮތަށް ބަލައި މަސްކިރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް މިފްކޯގެ އެމްޑީ ވިދާޅުވެފައެވެ.

https://www.facebook.com/saiful.hameed/posts/2673129046076896

ހުޅުދެލި ކައިރިން މަސްކިރޭނެ ގޮތް ހަމަަޖައްސައި ދެއްވާނަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ހުޅުދެލީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށުގެ މަސްވެރިން އެދިފައިވާ ގޮތަށް ރަށާ ކައިރިން މަސްކިރޭނެ އިންތިޒާމެއް މިފްކޯއާ ވާހަކަ ދައްކަވައިގެން ހަމަޖައްސަވައި ދެއްވާނެ ކަމަށާއި މަހަށް ރަނގަޅު އަގު ހޯދައި ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ.

އަދި މިހާރު އިންޑިޔާ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ކޮންޓްރޯލް ކުރެވިފައި ވާތީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމުގެ ފުރުސަތު އޮތްކަމަށާއި މަސްގަނެވޭ މިންވަރު އިތުރުކޮށް އެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ފެލިވަރާ ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަންވެސް އެމަނިކުފާނު ވާހަކަފުޅުގައި ވަނީ ފާހަގަކުރެއްވާފައެވެ.

އިއްޔެ ހުޅުދެލި ކައިރިން މަސް ކިރަން ފެށުމާއެކު، އެއަތޮޅަށް ނިސްބަތްވާ ބައެއް ރައްޔިތުން ވަނީ މަސްކިރުވަން ގޮސް އޮތް ބޯޓުގެ ފޮޓޯ "ދަ ޕްރެސް" އާ ހިއްސާ ކޮށް، ރައީސް ސޯލިހު ވައުދު ފުއްދަވައިފި ކަމަށް ވިދާޅުވެ ޝުއޫރުފާޅުކޮށްފައެވެ. އޭނާ ބުނިގޮތުން އަތޮޅުގެ ގިނަ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.