އައީޖީއެމްއެޗް ގައި ހަ އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެެއިން ލެގޯ ކޮޅެއް ނަގާ އޮޕަރޭޝަނެއް ކޮށްފިއެވެ.

އައިޖީއެމްއެޗް އިން ބުނީ، މި އޮޕަރޭޝަން ކޮށްފައި ވަނީ، ފުއްޕާމެއާއި ނޭވާލާ ނިޒާމާ ބެހޭ އެ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުން ގެ ޓީމަކުން ކަމަށެވެ.

ކުއްޖާގެ ހާލު ރަނގަޅު ނަމަވެސް ކުއްޖާއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ލެގޯ ކަހަލަ ކުޅޭ އެއްޗެހި ކުޑަކުދިން ކުޅެން ގެންގުޅޭއިރު އެކަމަށް ސަމާލުކަން ދިނުމަކީ މައިން ބަފައިން ގެ ޒިންމާއެކެވެ. އަދި އުމުރާ ނުގުޅޭ ކުޅޭއެއްޗެތި ނުދިނުމަށާއި، ދިނުމުގައި އެކަމަށް ސަމާލު ވާން ޖެހެއެވެ.

އައިޖީއެމްއެޗުން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޑުފޮއްޓާއި ނޭވާލާހޮޅީގެ ކެންސާ ޓިއުމާއެއް ކާމިޔާބުކަމާއެކު ނަގާފައެވެ. އަދި އައިޖީއެމްއެޗުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ލޭ ދިޔާކުރާ ބޭސް ބޭނުންކޮށްގެން ސިކުނޑީގައި ގަނޑުވާ ލޭކޮޅު ވިރުވާލުމުގެ ހިދުމަތްވެސް އެ ހޮސްޕިޓަލުން ދާދިފަހުން ވަނީ ދޭން ފަށާފައެވެ.