ވައިގެ މަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ވައިގެ މަގުން އައްޑުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާ އެކު މިމަހުގެ 16 ވަނަ ދުވަހު 1:00 ހާއިރު 20 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މީހަކު ހުއްޓުވާ ބަލާ ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހި ހުރި ޖޫސްޕެޓި ކޮތަޅެއް ފެނިފައި ވާ ކަމަށެވެ.

ޢެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަރަދޫފޭދޫ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެތީގެ ބޭނުން ކުރުމާއި ވިޔަފާރި ކުރުމަކީ ރާއްޖޭގައި ނުހުއްޓުވުނު ނުބައި އަމަލެކެވެ. އެގޮތުން، މިމަހުގެ14 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން 16 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން މަސްތުވާތަކެތި ފެނުން އާންމު ވެފައި ވާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައި ކަމަށާއި ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި މިއަހަރު އަތުލައިގަނެފައި ވާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.