ސްޓްރެޓެޖިކް ޕްލޭނުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް މިނިސްޓްރީ އޮފް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވެފައި ވަނީ ސައުތު އޭޝިޔާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން (ސައިވާކް) ގެ 8 ވަނަ ބޯޑު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކާއި މަޖިލީހަށް ހުށަހެޅިފައިވާ ބިލާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ބިލު ފާސްވެގެން ދިއުމުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުދަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ކަމަށާއި އަދިވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން ހައްގުތައް ރައްކާތެރި ކުރުމަށްޓަކާ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސަރުކާރުން އޮތީ ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ވެސް ތައްޔާރަށް ކަމަށްވެސް މިނިސްޓަރު ވިދާޅު ވެފައިވެއެވެ.
މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލެކެވެ. އެ ބިލު މިހާރު ދަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އިން ދިރާސާ ކުރަމުންނެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލު ހުށަހެޅުއްވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމެވެ.
މީގެއިތުރުން އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށް، އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހި ކުރުން ވެސް މި ބިލު ހުށަހެޅުނު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި މި ބިލުގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި ފޮސްޓާ ކުރެވޭ އުސޫލުތައް ކަނޑައެޅުމާއި ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ކަނޑައެޅުން ވެސް މި ބިލު ހުށަހެޅުނު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ހުޅުމާލޭ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި ބައްދަލު ވުމަކީ ސައިވާކްގެ 8 ވަނަ ގަވަރނިންގް ބޯޑުގެ ބައްދަލުވުމެވެ. އަންގާރަ ދުވަހު ފަށާފައިވާއިރު މި ބައްދަލުވުން ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ހުރިހާ ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވޭ ފުރަތަމަ ފަހަރެވެ.