މާސްޓާކާޑާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

މާސްޓާކާޑް ތައާރަފުކުރުމަށް މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވި ހާއްސަ ރަސްމިއްްޔާތުގައި ވާހަކަ ދައްކަވަމުން ސޯޔާ ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް ބޭންކިން ގެ އެންމެ ކުރީގައި ބީއެމްއެލްގެ ފައިތިލަ ސާބިތު ކޮށްފައިވާކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ބީއެމްއެލް އާއި މާސްޓާކާޑަކީ ވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެންމެ ޒަމާނީ އުފެއްދުންތަކާއި ހިދުމަތްތަކަށް އިސްކަންދޭ ފަރާތްތަކަށްވުމުން، ބީއެމްއެލުން މި ގުޅުމާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމަށް ސޯޔާ ވިދާޅުވިއެވެ. ސޯޔާ ވިދާޅުވީ، މި ތައާރަފް ކުރެވުނު އާ ޕްރޮޑަކްޓްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މުއާމަލާތްތައް ފުރިހަމަ ކުރެވިގެންދާނެ ކަމަށެވެ.

މާސްޓާކާޑް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ އަލީ ހާޝިމެވެ.

ބީއެމްއެލުން ރާއްޖެއަށް މާސްޓާކާޑް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއން / ފޮޓޯ: ބީއެމްއެލް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސްރީލަންކާ އަދި ރާއްޖެއަށް މާސްޓާކާޑްއިން ކަނޑައަޅުއްވާފައިވާ ކަންޓްރީ މޭނޭޖާ، ރ.ބ. ސަންތޯސް ކުމާރު ވިދާޅުވީ ބީއެމްއެލާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މާސްޓާކާޑްގެ ހުރިހާ ޕްރޮޑަކްޓްތައް ގެނެސްދެވޭކަމީ އެފަރާތަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ސަރަހައްދީ ގޮތުން މާސްޓާކާޑްގެ ހިދުމަތްތައް ލިބޭ ގައުމުތައް އިތުރުވެ، ގިނަ ކަސްޓަމަރުންނަށް މި ހިދުމަތް ލިބި، ފަސޭހަ ކަމާއެކު ޕޭމަންޓް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ކުމާރު ވިދާޅުވިއެވެ.

ބީއެމްއެލުން މާސްޓާކާޑް ތައާރަފުކުރީ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުއާމަލާތްކުރެވޭނެ މަގުފަހިކުރުމަށްޓަކައެވެ. ބީއެމްއެލުން މިއަދު މާސްޓާކާޑްގެ ހުރިހާ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފައިވާއިރު، އޭގެ ތެރޭގައި މާސްޓާކާޑް ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓާކާޑް ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ. އަލަށް ތައާރަފް ކުރި މި މާސްޓާކާޑް އަދި މިހާރު ބޭނުންކުރެވޭ ހުރިހާ މާސްޓާކާޑް ޕްރޮޑަކްޓްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑު ތަކެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސާވިސް ބޭންކިން ސެންޓާ، 113 އޭޓީއެމް، 5700 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.