ޖަޕާނުގެ ވެރިރަށް ޓޯކިއޯއިން 159 ބައިސްކަލުގެ މަޑި ބަގަށް ނެގި، އުމުރުން 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމީހާ މި ވައްކަން ކޮށްފައިވަނީ، މީގެ އަހަރެއްހާ ދުވަސްކުރިން، އެހެން މީހަކު އޭނާގެ ބައިސްކަލުގެ މަޑި ވަގަށް ގެންދިއުމުން، އެކަމާ ރުޅިއައިސްގެން ބަދަލު ހިފުމުގެ ރޫހުގައެވެ.

ޖަޕާނު ފުލުހުންގެ ދަށަށް އަކިއޯ ހަތޯރީ ގެންދިޔައީ، ބައިސްކަލުގައި ގޮސް، އެއްވެސް ހާސްކަމެއް ނެތި އެހެން މީހެއްގެ ބައިސްކަލުގެ މަޑި ނައްޓާލުމަށްފަހު، އޭނާގެ ބައިސްކަލުގެ ވަށިގަނޑަށް ލައިގެން ނައްޓާލި މަންޒަރު ފެންނަ ސާވޭލަންސް ފުޓޭޖަކުން ފެނުނު ހިސާބުންނެވެ. ބައިސްކަލުގެ ވެރި ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުން ފުރަތަމަ މިމައްސަލަ ބަލަން ފެށީ އާދައިގެ ވައްކަމެއްގެ ގޮތުގައެވެ. ނަމަވެސް، ފުލުހުން ހިންގި ރެއިޑެއްގައި، އަކިއޯ ހަތޯރީގެ ގެއިން 159 މަޑިވަނީ ފެނިފައެވެ.

އަކިއޯ އެކަން ކުރަނީ، އޭނާ ތަޖުރިބާކުރަން ޖެހުނު ވޭނާއި ތަކުލީފު އެހެން މީހުންނަށް ތަޖުރިބާކޮށްދިނުމަށް ކަމަށްވެސް އޭނާ ބުނެއެވެ.

އަކިއޯއާއި ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.