ބޭންްކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑު ތައާރަފު ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގައި ފަސޭހަކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރި މުއާމަލާތްކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ބިޒްނަސް ޑެބިޓް ކާޑު ތައާރަފް ކޮށްފައި ވާ ކަމަށެވެ. އަދި މި ކާޑުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓަރކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑު އިފްތިތާހު ކޮށްފައިވަނީ މާސްޓަރކާޑް ރާއްޖެއަށް ރަސްމީކޮށް ތައާރަފްކުރުމަށް މިއަދު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ހަފްލާގައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ މި ހިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއީ ބީއެމްއެލް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އެވިޔަފާރިތަކުގެ ބޭނުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ތައާރަފްކުރެވުނު މުހިންމު ހިދުމަތެއް ކަމަށާއި މިކާޑު ލިންކް ކުރެވިގެންދާނީ ވިޔަފާރި އެކައުންޓަށްވުމުން ފަސޭހަކަމާއެކު ކޮންމެ ތަނަކުންވެސް ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައްކޮށްލެވޭނެ ގޮތަށް ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ކޭޝްފްލޯ ވަކިން ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން ފަސޭހަ ވެގެންދާނެ ކަމަށާއި ބީއެމްއެލް އިން ދޫކުރާ އެހެން ކާޑުތަކެކޭ އެއްގޮތަށް މި ތައާރަފް ކުރެވުނު ބިޒްނަސް ޑެބިޓް ކާޑަކީވެސް އެންމެ ޒަމާނީ ސެކިއުރިޓީ ފީޗަރސް އެކުލެވޭ ކާޑެއްކަމަށްވެސް ޓިމް ސޯޔާ ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގެ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗަކާއި 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރަކާއި 113 އޭޓީއެމްއާއި 5700 ޕީއޯއެސް މަރޗަންޓުންނާއި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުނަ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.