ސަރުކާރުގެ ވައުދެއް ކަމަށްވާ ވައްކަމަށް ޒީރޯ ޓޮލަރަންސް، ވައުދާ ހިލާފުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ، ވައްކަމަށް ޒީރޯ ޓޮލަރަންސް، ވައުދާ ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން ޖަމީލު ވިދާޅުވީ، ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޖަމީލު ވަނީ، ހުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އަދި މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނާއި ކެމްޕޭނަށް ހަރަދުކުރި މީހުންނަށް ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދަނީ. ޙުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ޚަރަދުކުރި މީހުންނަށް؟"
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ހަސަން

ޖަމީލު މިހެން ވިދާޅުވެފައި ވާއިރު ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ، ކޯޓުތަކުން ނިންމާ ނިންމުން ނުވަތަ ކޯޓުތަކުން ކަނޑައަޅާ ހުކުމް "ޕްރިންޓް" ވެގެން އަންނަ ތަނަކަށް ކެނެރީގެ ވުމަށް ޖާގައެއް ނުދެއްވޭނެ ކަމަށާއި އެފަދައިން އެކަން ވާން ދިވެހި އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުން މަޖިލީހުގެ ރައީސް، ޖުޑީޝަލް ސާވިސް ކަމިޝަންގައި އިންނަވާ ކަމަށް ވިދާޅުވަމުން ޝުޖާއު ވިދާޅުވެފައި ވަނީ، ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް ސީދާ ރައީސް ނަޝީދު ނުފޫޒު ފޯރުއްވާ ކަމަށާއި އެ މައުލޫމާތު އިދިކޮޅު ކޯލިޝަނަށް ލިބިފައި އެބަހުރި ކަމަށެވެ. ރައީސް ނަޝީދު މެސެޖުގެ ޒަރީއާއިން ހުކުމްގެ ތެރެއަށް ވަންނަވައި މައްސަލަ ނިންމަވާފައި ހުރިކަމަށް ޝުޖާއު ވިދާޅުވެފައި ވެއެވެ.

ރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހަގީގަތް އޮޅޭގޮތަށް ބަޔާނެއް ނެރުއްވާފައި ވާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައެވެ.

ޝުޖާއު ވަނީ ރޭ ޖޭއެސްސީން ނެރުނު ބަޔާނާ ގުޅިގެންވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ބެލޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނުވަތަ ނިޒާމުގެ ތެރެއިން އެ ނިންމުމެއް ބެލުމުގެ އެއްވެސް އިހްތިޔާރެއް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، މި ސަރުކާރުގައި ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޯލަރަންސް" ކަމަށާއި، މި ސަރުކާރުން އެއްވެސް ފަރާތަކުން ކޮރަޕްޝަނުގެ އަމަލެއް ހިންގިޔަ ނުދެއްވާނެ ކަަމަށެވެ. މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި ހިޔާނާތުން މުއައްސަސާތައް ސަލާމަތް ކުރުން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެގޮތުގެ މަތިން ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތައް ކަނަޑައަޅައި އޭގެ ތެރެއިން ސިޔާސީ މަގާމުގައި ތިއްބެވި އިސް ބޭފުޅުންގެ މާލީ ބަޔާން ވަކި އުސޫލެއްގެ މަތިން އާންމު ކުރެވި އެކަން އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.