ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުކުމް "ޕްރިންޓް" ވެގެން އަންނަނީ ކެނެރީގެއިން ކަމަށް ވާން ޖާގަ ނުދެއްވޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ކޯޓުތަކުން ނިންމާ ނިންމުން ނުވަތަ ކޯޓުތަކުން ކަނޑައަޅާ ހުކުމް "ޕްރިންޓް" ވެގެން އަންނަ ތަނަކަށް ކެނެރީގެ ވުމަށް ޖާގައެއް ނުދެއްވޭނެ ކަމަށާއި އެފަދައިން އެކަން ވާން ދިވެހި އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ޕީޕީއެމްއަކީ ނުވަތަ މި ކޯލިޝަނަކީ ހަމައެކަނި ޕްރެސް ކޮންފަރެންސް ބާއްވާ ކާނިވަލުގައި ޖަލްސާ ބާއްވާނެ ބައެއް ކަމަށް މި ސަރުކާރާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންވެސް ހީކޮށްގެން ނުވާނެ ކަމަށެވެ.

"ރައްޔިތުންގެ ހައްގުތަަކަށް މިގޮތަށް އަރައިގަނެ. ރަޢްޖޭގައި މިއޮތް ނިޒާމު ފުނޑާލާ ހިސާބުން. އަޅުގަނޑުމެންގެ ޕާޓީ މަޑަކުން ނުތިބޭނެ. ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ހުކުމް "ޕްރިންޓް" ވެގެން އަންނަނީ ކެނެރީގެއަށް ވާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ."
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު

އަދި މިހާރު ކަންތައް މާ މައްޗަށް ދާ ކަމަށް ވިދާޅުވެ ޝުޖާއު ވިދާޅުވީ މަގުމަތީގައި މުޒާހަރާ ކުރަން ޖެހޭ ހިސާބަށް މިހާރު ސަރުކާރުގެ އަމަލުތައް ގޮސްފައިވާ ކަމަށެވެ. މިހެން ކަންތައް ވާނަމަ މަގު މައްޗަށް ނުކުންނަވަން ޖެހިވަޑައިގެންފާނެ ކަމަށާއި ނުކުންނަވައިފިއްޔާ ދެން ކަންތައް ވާނެ ގޮތް ހިތްތަކަށް ގެންނަން އެބަޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ޖުޑީޝަލް ސާވިސް ކަމިޝަންގައި އިންނަވާ ކަމަށް ވިދާޅުވަމުން ޝުޖާއު ވިދާޅުވީ، ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް ސީދާ ރައީސް ނަޝީދު ނުފޫޒު ފޯރުއްވާ ކަމަށާއި އެ މައުލޫމާތު އިދިކޮޅު ކޯލިޝަނަށް ލިބިފައި އެބަހުރި ކަމަށެވެ. ރައީސް ނަޝީދު މެސެޖުގެ ޒަރީއާއިން ހުކުމްގެ ތެރެއަށް ވަންނަވައި މައްސަލަ ނިންމަވާފައި ހުރިކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައި އެބަހުއްޓޭ. މިޕާޓީގެ މިތިބަ ނައިބު ރައީސުންގެ އަތުގައި އެބަހުއްޓޭ އެ މައުލޫމާތު ލިބިފައި. އެމަނިކުފާނު ސީދާ އަތް ބާނާފައި ހުކުމްގެ ތެރެއަށް ވަދެ މައްސަލަ ނިންމާފައި. ޓެކްސްޓް ކުރައްވަނީ އިނގޭތޯ މެސެޖު ކުރައްވަނީ."
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވާހަކަ ދައްކަވަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މީގެ އިތުރުން، ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި ޖުޑިޝަރީއަށް އެ ސަރުކާރުން އަތް ބާނާކަމަަށް އެމްޑީޕީން ތުހުމަތު ކޮށްފައިވާ ކަމަށާއި، ނަމަވެސް މިއަދު ރައީސް ނަޝީދާއި ޖޭއެސްސީގައި ތިއްބެވި އެހެން ބައެއް ބޭފުޅުންވެސް ގެންދަވަނީ، ނުފޫޒު ފޯރުއްވައި މެސެޖު ފޮނުއްވަމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މެސެޖު ފޮނުވާފަ މިވެނި ގޮތަކަށް މިވެނި ކަމެއް ކުރުމަށް ނުފޫޒް ފޯރުވަނީ، ހަމައެކަނި އެ މަނިކުފާނެއް ނޫން. ޖުޑީޝަލް ސާވިސް ކޮމިޝަން ތިއްބެވި އެހެން ބޭފުޅުންގެ އަމަލުތައްވެސް މިގޮތަށް އޮތް ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެބަ ލިބޭ"
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ޝުޖާއު ވަނީ މިރޭ ޖޭއެސްސީން ނެރުނު ބަޔާނާ ގުޅިގެންވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ބެލޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނުވަތަ ނިޒާމުގެ ތެރެއިން އެ ނިންމުމެއް ބެލުމުގެ އެއްވެސް އިހްތިޔާރެއް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވާއިރު މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހަގީގަތް އޮޅޭގޮތަށް ބަޔާނެއް ނެރުއްވާފައި ވާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.