ގާނޫނަކީ ވަކިވަކި ފަރުދުންނަށް އަމާޒުކުރެވި ބައްޓަން ކުރަން ޖެހޭ އެއްޗެއް ނޫންކަމަށާއި މިއަދު މަޖިލީހުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އުގެއިލް ފައުންޑޭޝަންގެ ބާނީ އަދި ރައީސް، ޕްރޮފެސަރު އުގައިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް އޮތް އިސްލާހު ބާތިލް ކުރަން މަޖިލިހުން މިއަދު ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
63 މެމްބަރުންގެ އިއްތިފާގުން އެ އިސްލާހު ބާތިލް ކުރަން މިއަދު މަޖިލީހުގައި ވަނީ ފާސްކޮށްފައެވެ.
ބައެއް ސިޔާސީ ލީޑަރުންނަށް ރައީސްކަމަށް ވާދަ ނުކުރެވޭ ގޮތަށް އަށާރަވަނަ މަޖިލީހުގައި އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ބާތިލު ކޮށްފައި ވާއިރު، އުގައިލް އަކީވެސް ސިޔާސީ ގޮތުން ބަސްބުނެ އުޅުއްވާ ބޭފުޅެއްކަން ފާހަގަވެއެވެ.
މިއަދުގެ މަޖިލީހުގައި ބާތިލުކުރުމަށް ފާސްކޮށްފައިވާ އިސްލާހަކީ ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯއްދެވި ލީޑަރުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހެކެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ ކަމަށެވެ. ނަމަވެސް ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފިނަމަ ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ވަކި މުއްދަތެއް ފަހުން ކަމަށް ގާނޫނު އަސާސީގައި އަދި ގާނޫނެއްގައި ވެސް ކަނޑައަޅާފައެއް ނޯވެއެވެ.
ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ތިއީވެސް އަމިއްލަ އަންބޮޑި ބޮޑު ކުރަން އުޅޭމީހެއް