ހަގީގަތް އޮޅޭގޮތަށް ބަޔާނެއް ނެރުއްވާފައި ވާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޑރ ދީދީ މި ބަޔާން ނެރުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީ އިން ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

ޖޭއެސްސީން ބުނީ، ޑރ ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމުމުން، އެ ކޮމިޝަނުން ފޮނުވި ނަސޭހަތުގެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް ފަނޑިޔާރު ދީދީ އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައި ވަނީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށް ބަޔާން ކުރައްވައި ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ދީދީ ވިދާޅުވެ ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެއަށްފަހު ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައާ މެދު ހަގީގަތާ ހިލާފު ވާހަކަތަކެއް އާންމު ކުރެއްވުމަކީ، އެ ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ފެންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަން އަންގައި، ޖޭއެސްސީން ފޮނުވި ނޯޓިސްގައި 15 ކަމެއް ހިމަނާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި އެ ކޮމިޝަނަށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް، އުއްތަމަފަނޑިޔާރުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މީގެއިތިރުން، އެއްވެސް މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި އެ ނިންމުން ނިންމި ފަނޑިޔާރަށް ނުފޫޒު ފޯރުވައި ބިރު ދައްކައި އަދި އެ ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ވެސް އެ ބާޔާނުގައި ވެއެވެ.

އަދި ޖޭއެސްސީއާ ދުސްތޫރީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ބަލާއިރު ވެސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ކަހަލަ ނިންމުމެއް މުރާޖައާ ކުރުމާއި އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށް އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމުގެ އެއްވެސް ކަހަލަ ބާރެއް ނުވަތަ އިހުތިސާސެއް ވެސް ޖޭއެސްސީ އަށް ލިބިގެން ނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި އާއި ޝަރީއަތުން ބަލާ އެ ނޫން މައްސަލަތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.