ކޮންމެ މަހަކު ޕެކޭޖަށް ފައިސާ ދެއްކުމަށް ފަހު އެ މަސް ނިމޭ އިރު ބާކީ ހުންނަ ޑާޓާ އަނެއް މަހަށް ފޯވާޑް ކޮށްދޭން ޖެހޭނެ ކަމަށް ހިތަދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު މިއަދު ކުރި ޓްވީޓެއްގައި ވަނީ އިންޓަނެޓަށް ކުރާ ހޭދައިން އިންސާފު ނުލިބޭ ވާހަކަ ދައްކަވާފައެވެ. އެ ގޮތުން އޭނާ ވިދާޅުވީ، ފައިސާ ދައްކަނީ 15 ޖީބީގެ ޑާޓާއަށް ކަމަށާ، މަސް ނިމިގެން ދާއިރު އެ ޕެކޭޖްގެ 6 ޖީބީ ބާކީ އޮވެއްޖެ ނަމަ، އަނެއް މަަހަށް އެބައި ގެންގޮސްދޭން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ އެއީ އިންސާފުވެރި ވިޔަފާރިއަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާސަލާތީ ނިޒާމު ހިންގާ ދެކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއާއި ދިރާގުން ކުރަމުން އަންނަ ވިޔަފާރީގައި އެ ކުންފުނިން ނަގާ ޑާޓާ ޕެކޭޖް ހުސްނުވަނީސް މަސް ނިމިއްޖެ ނަމަ ބާކީ ހުރި ޑާޓާ އެލަވަންސް ނުލިބޭތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. މި ކަމާ ގުޅިގެން ވެސް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައި ވެއެވެ. އެ ޑާޓާއަކީ ރައްޔިތުމީހާ ފައިސާ ދީގެން ނަގާ ޑޭޓާ ކަމަށާއި ބޭނުންކޮށްގެން އެބައި ހުސް ނުވާ ކަމަށް ވާނަމަ އެބައި އަނބުރާ އެމީހާ އަށް ލިބެން ޖެހޭނެ ކަމަށް އެމީހުން ބުނެއެވެ.
މީގެ އިތުރުން އިންޓަނެޓް ގެ އަގު ބޮޑުކަން ފާހަގަކޮށްފައިވެސް ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން ދެއެވެ. ތައުލީމީ ނިޒާމުގައި އިންޓަނެޓް ބޭނުން ކުރަންޖެހޭ ކަމާއި އިންޓަނެޓްގެ އަގު ބޮޑުވުމުން ގިނަ އަދަދެއްގެ ކިޔަވާ ދަރިވަރުންވެސް އެ ޝަކުވާ އަންނަނީ ކުރަމުންނެވެ. އެގޮތުން ދަރިވަރަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އެ ދަރިވަރު ފާޅުކުރި ޝުއޫރަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ދަރިވަރުންނަށް އަތް ފޯރާ ފަށުގައި ނެޓް ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި އަގު ހެޔޮކުރުމުގެ މަޝްވަރާ ކުރެވިފައި ވާ ކަމަށް ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގުހެޔޮކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން މިނިސްޓަރު މަލީހު ގެންދަވަނީ އިންޓަނެޓް އަގުހެޔޮ ކުރުމާ ގުޅޭގޮތުން ގިނަ ވާހަކަ ދައްކަމުންނެވެ. އެގޮތުން މިދިޔަ މާޗްމަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން ބުނެފައި ވަނީ އެ މަސް ތެރޭގައި ރައްޔިތުންނަށް ހެޔޮ ހަބަރެއް ލިބޭ ވަރަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިނިސްޓަރު ވެސް ވަނީ އިންޓަނެޓް އަގުހެޔޮކުރުމުގެ މަޝްވަރާތައް ނިމިފައިވާކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. ނަމަވެސް އެ ހަބަރެއް ނައެވެ.
26 ގައުމެއްގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނެނީ ހަތް ވަނަ އަށް އިންޓަނެޓުގެ އަގު ބޮޑު ގައުމުގެ ގޮތުގައެވެ. މި ހަތް ގައުމަކީ ސާކްގެ ހަތް ގައުމެވެ. ސާކުގެ ގައުމުތަކަށް ބަލާއިރުވެސް ރާއްޖޭގެ އަގުތައް ބޮޑެވެ.
މަޖިލީހުގެ މެންބަރުން ރައްޔިތުންނަށްޓަކައި ތިކަމާ ވަކާލާތުކޮށްދެއްވައި ޤާނޫނަކުން ދިރާގާއި އުރީދޫ އިން އެކުރާ ވިޔާނުދާ ޢަމަލު ހުއްޓުވައިދެއްވާ.. އެއީ ވިޔަފާރީގެ އުޞޫލުތަކާ ޚިލާފު އަނިޔާވެރި ޢަމަލެއް..