މައްޗަންގޯޅި ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކަކާއެކު ފުލުހުން ހައްޔަރުކުރި ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިމީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން މައްޗަންގޯޅި ގެއެއް ބަލާ ފާސްކުރި އިރު 44 ފުޅި ބަނގުރަލާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 35 ސެލޯފިންކޮޅާއި، މަނާ ބޭހުގެ 04 ގުޅަ ބޭސް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 20 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިމަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންވެސް ވަނީ ކަފާލާތުގެ އުސޫލުގެ ދަށުން ދޫކޮށްލާފައި ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.