އިނގިރޭސިވިލާތުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ދެއްވި ރޭގަނޑުގެ ހާއްސަ ޖާފަތަކަށް، ޑިއުކް އެންޑް ޑަޗަސް އޮފް ކޭމްބްރިޖު، އޮޓޯ ރިކްޝާއެއްގައި ވަޑައިގެން ގިނަ ބަޔަކު އާޝޯހް ކުރުވައިފިއެވެ.
ޕާކިސްތާނަށް މިހާރު ދަތުރުކުރައްވަމުން ގެންދަވާ ޕްރިންސް ވިލިއަމްގެ ދެމަފިރިކަނބަލުންގެ ޝަރަފުގައި ޕާކިސްތާނު މޮނިއުމަންޓްގައި އޮތް ޖާފަތަށް ޑިއުކް އޮފް ކޭމްބްރިޖު ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވީ ޕާކިސްތާނުގެ ސަގާފީ ހެދުންތަކުގެ ތެރޭގައި ހިމެނޭ ޝޭރުވާނީކޮޅެކެވެ.
5 ދުވަހުގެ މުއްދަތަށް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑިއުކް އެންޑް ޑަޗަސް އޮފް ކޭމްބްރިޖު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުރުން ޕާކިސްތާނުގެ ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާވެސް ބައްދަލުކުރައްވާފައެވެ.
ވިލިއަމްގެ ދެކަނބަލުންގެ ޝަރަފުގައި އޮތް ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ވިލިއަމް ވަނީ ޕާކިސްތާނަށް ކުރިމަތިލާންޖެހިފައިވާ ދަތި އުނދަގޫ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޕާކިސްތާނުގެ އުމުރާ ބަލާއިރު އެ ގައުމަކީ ގިނަ ތަކުލީފުތަކެއް އުފުލަންޖެހުނު ގައުމެއް ކަމަށާ، ނަފްރަތާ ޓެރަރިޒަމްގެ ޝިކާރައަކަށްވެ، ގުނާ އަދަދު ނުކުރެވޭހާ ދަރިންގެ ފުރާނަ ގެއްލި ގޮސްފައިވާ ގައުމެއްކަން ޕްރިންސް ވިލިއަމް ވަނީ ފާހަގަކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޕްރިންސް ވިލިއަމް ވަނީ މިއަދު ފެންނަން އޮތް ޕާކިސްތާނު އެހާ ހިސާބަށް ގެންގޮސްދިނުމަށް ގައުމަށްޓަކައި ގުރުބާންވި ދަރިންގެ ހަނދާން އާކުރައްވާފައެވެ. އަދި އިނގިރޭސިވިލާތަކީ އަބަދުވެސް ޕާކިސްތާނުގެ އެކުވެރިއެއްގެ ގޮތުގައި ދެމި އޮންނާނެ ގައުމެއް ކަމަށާ، ހާލެއްގައި ޖެހޭ ދުވަހު އިނގިރޭސިވިލާތަށް ބަރޯސާވެވިދާނެ ކަމަށެވެ.