ރާއްޖޭން ބޭރުން އޮފިސާ ކެޑޭޓް ތަމްރީނު ފުރިހަމަ ކުރި 6 ސިފައިން ކަމިޝަން ކޮށްފިއެވެ.
ބަންޑާރަކޮށީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކަމިޝަންކުރެއްވި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި އެ އޮފިސަރުންނަށް ރޭންކު ހަވާލުކޮށްދެއްވީ އާއިލާތަކުގެ މެންބަރުންނެވެ.
މި ރަސްމިއްޔާތުގައި މާރިޔާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސިފައިން ކޮށްފައިވާ ހުވަޔާއި ގައުމީ ޒިންމާ އަދާކުރުމުގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ މަތިން ވަނީ ހަނދާން އާކޮށްދެއްވި ކަމަށެވެ. ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މާރިޔާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ގާބިލްކަން މިހާރަށް ވުރެ އިތުރުކުރުމާއި ވެލްފެއާގެ ކަންކަން ރަނގަޅު ކުރުމަށް ރާއްޖޭގެ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނުހަނު އިސްކަމެއް ދެއްވަމުންގެންދަވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ކަމިޝަން ކުރެއްވި ހަ އޮފިސަރުންގެ ތެރޭގައި ހިމެނެނީ، އެމެރިކާ އިން އޮފިސާ ކެޑޭޓް ތަމްރީނު ފުރިހަމަ ކުރެއްވި ލެފްޓިނަންޓް އިސްމާއިލް އަހުމަދު އަދި ލެފްޓިނަންޓް އިބްރާހިމް އަލީއެވެ. އަދި އިންޑިޔާއިން އޮފިސާ ކެޑޭޓް ތަމްރީނު ފުރިހަމަ ކުރެއްވި ލެފްޓިނަންޓް އަބްދުﷲ ފިޔާޒާއި ލެފްޓިނަންޓް ތައްޔިބާ އިބްރާހިމާއި ލެފްޓިނަންޓް އަހުމަދު ޝިޒާނު އަދި ލެފްޓިނަންޓް ނިއުމާ އަބްދުއްރަހްމާނެވެ.
މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުން އަދި ކަމިޝަން ކުރެއްވި އޮފިސަރުންގެ އާއިލާގެ މެންބަރުން ބައިވެރިވެޑައިގަތެވެ.