އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ ސަބަބުން، އެ ޖަމިއްޔާއަށް ގާނޫނީ ފިޔަވަޅު އަޅާ އެ ޖަމިއްޔާ އުވާލުމަށް ދީނީ އިލްމުވެރި ސަރުކާރަށް އިލްތިމާސް ދަންނަވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދީނީ އިލްމުވެރިން ވިދާޅުވީ މިއީ މުޅި ދިވެހި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އުދާހަކާއި ކަންބޮޑުވުމެއް ކަމަށެވެ.

އިލްމުވެރިން ވިދާޅުވީ ކުއްލި ގޮތަކަށް އިލްމުވެރިން އެއްވެ، ނޫސްވެރިންނާ ބައްދަލުކުރަން ޖެހުނީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓުގައި ލިޔެ ހިމަނާފައިވާ ކަންތައްތައް ހާމަކޮށް، އޭގެ ހަގީގަތް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަންގައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއާ މެދު ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ރައްޔިތުންގެ މަސްއޫލިއްޔަތު ހަނދުމަކޮށް ދިނުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި އިލްމުވެރިން ވަނީ ކަމާ ގުޅުން ހުރި އިދާރާތަކަށް ހަ ކަމެއްގެ ވާހަކަ އިލްތިމާސް ކުރައްވާފައެވެ. އެއީ އިސްލާމީ އުސޫލުތައް ނަގަހައްޓާ ހިމާޔަތް ކުރުމަށާއި، ދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށާއި، އެފަދަ އެއްވެސް ކަމެއްގައި އަޅަންޖެހޭ ފިޔަވަޅަކާ މެދު ފަސްނުޖެހުމަށާއި، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެއްބާރުލުން ދިނުމަށެވެ. އަދި މިހާރު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށްދިނުމުގެ ގޮތުން ދީނާ ހިލާފު ކޮންމެ އަމަލަކާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅުތައް އަޅާނެ ކަމުގެ ސާފު މެސެޖު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެމްޑީއެން އަށް ގާނޫނީ ފިޔަވަޅު އެޅުމާއި އެ ޖަމިއްޔާ އުވާލުމަކީވެސް އިލްމުވެރިން އިލްތިމާސް ކުރެއްވި ކަންކަމުގައި ތެރޭގައި ހިމެނޭ ކަމެކެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހިތުގެ ވިންދާ ގުޅިފައިވާ ކަމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު އެމްޑީއެންގެ ވާހަކަތައް ދައްކަވަން ޖެހިވަޑައިގަތީ އެކަމުގެ ސަބަބުން ހިތްޕުޅަށް ކެތް ނުވެގެން ކަމަށެވެ.

"އޮއްބާލަން މަސައްކަތް ކުރެވިދާނެ އެކަމަކު އެކަމެއް ނުވާނެ. އިރާދަކުރެއްވިއްޔާ ދީނުގެ ދިފާއުގައި އަޅުގަނޑުމެން އިލްމުވެރިން އެކުގައި މަސައްކަތް ކުރާނަން. ދީނުގެ ދިފާއުގައި އިލްމުވެރިން ބަސް ބުނާނެ ތެދުވާނެ،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިލްމުވެރިން ދިވެހި ރައްޔިތުންނަށާއި އިލްމުވެރިންނަށްވެސް އިލްތިމާސްތަކެއް ކުރެއްވިއެއެވެ. އެގޮތުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުުރުމާއި ދީނީ ތައުލީމު އޭގެ އެންމެ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދިނުމުގެ އިތުރުން އިސްލާމީ އުސޫލުތަކަށް ދަރިންގެ ހިތުގައި ލޯބި ޖެއްސުމަށް މަސައްކަތް ކުރުމަށް އިލްމުވެރިން ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އިލްމުވެރިން ކުރައްވާފައިވާ އިލްތިމާސަކީ ދީނާ ދެކޮޅަށް ހިންގޭ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމާއި އެ މަސައްކަތުގައި ހުރިހާ އިލްމުވެރިން އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިބުމާއި ރައްޔިތުންނަށް ހެޔޮގޮތް އަންގައިދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމެވެ.