ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނިންމުމާ އެގޮތަށް، ޒައިނާ މެންބަރު ކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޒައިނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މަޖިލީހުގެ މި ނިންމުމާކު، އެ ކޮމިޝަންގެ މެންބަރުކަމުން ޒައިނާ ވަކިވީއެވެ.

މިދިޔަ ބުދަ ދުވަހު ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީއިން މިގޮތަށް ނިންމާފައި ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ކޮމެޓީގެ 10 ވަނަ ބައްދަލު ވުމުގައެވެ. ޝަހީބާއި ޒައިނާ މަގާމުން ވަކި ކުރުމަށް ނިންމާފައި ވަނީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހުއެވެ. އެ ކޮމެޓީ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރު ބައްދަލުވުން ތަކެއްގެ ގޮތުގައެވެ.

ޝަހީބާއި ޒައިނާ މަގާމުން ވަކިކުރުމަށް ނިންމާފައި ވަނީ ކުރީގެ ސަރުކާރުގެ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށެވެ. އަދި އިންސާފުގެ ބޭރުން ބައެއް ޗެނަލްތައް ޖޫރިމަނާ ކުރުމުގެ ތުހުމަތުވެސް އެފަރާތްތަކުގެ މައްޗަށް ވަނީ ކޮށްފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މީގެ ކުރީގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ކަންކަން ކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް އެފަރާތުން އިއުތިރާޒު ވެފައި ވެއެވެ.