ޓުއަރިޒަމްގެ ދާއިރާއަށް ލިބިދާނެ ޓެރަރިސްޓް ހަމަލާއަކުން ރައްކާތެރި ވުމަށް ރިސޯޓުތަކުގެ މެނޭޖަރުންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
ފުލުހުން ބުނީ، ޓެރަރިސްޓް ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިސޯޓްތަކުގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުންނަށް އަމާޒުކޮށްގެން "ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވަރކްޝޮޕް" ގެ ނަމުގައި މަސައްކަތު ބައްދަލުވުން ފަށާފައި ވަނީ ކުރުނބާ މޯލްޑިވްސްގާ ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުވުމަކީ އޮކްޓޫބަރު 14 އިން 15 އަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ ޓެރަރިޒަމްގެ މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި ޓެރަރިސްޓް ހަމަލާއެއް ރިސޯޓެއްގައި ދީފިނަމަ އަމަލުކުރުމަށް ހަދާފައިވާ އުސޫލްތަކުގައި ހުރި ހަރުދަނާކަމާއި ދޭސީކަމާއި، އުސޫލްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައި ވާ ކަމަށާއި ޓެރަރިޒަމްގެ ހަމަލާތަކުން ރައްކާތެރިވެ އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، ޓެރަރިޒަމްގެ ހަމަލާއެއް ކާމިޔާބުކަމާއެކު ދީފި ހާލަތުގައި، ހާދިސާއަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ އިސް ވެރިންނާއި އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި އެކި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުން ހިމެނޭގޮތުން ޖުމްލަ 39 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދެވެ.