ބ. ގޮއިދޫ ގުރުއާން މުދައްރިސްގެ ފަރާތުން އެހެން ކުދިންތަކަށް ޖިންސީ ގޯނާ ލިބުމުގެ ބިރު އޮތް ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.
ރޭ އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން ވިދާޅުވީ، އަންހެނަކު އޭނާ ކުޑައިރު ދިމާވެފައިވާ ޖިންސީ އަނިޔާގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށާއި، މިމަހުގެ 3 ވަނަ ދުވަހު އޭނާ ކުރި ޕޯސްޓުން އެ އަންހެން މީހާގެ އިތުރުން އެހެން އަންހެން ކުދިންތަކަކަށް ވެސް ޖިންސީ ގޯނާ ލިބިފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެމީހާގެ ފަރާތުން އެހެން ކުދިންތަކަށް ޖިންސީ ގޯނާ ލިބުމުގެ ބިރު އޮތް ކަމަށް މެންބަރު ޖީހާން ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ މިޕޯސްޓް ކިޔާލުމުން އިންސާފު ނުލިބިވާކަން އެނގޭ ކަމަށާއި، މެޖިސްޓްރޭޓް ކޯޓުން ހެކި ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލާގައި އިސްތިއުނާފު މަރުހަލާ އެބައޮތް ކަމަށާއި، ކޮމެޓީގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް މިމައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅިދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެގޮތުން އެންމެ ފުރަތަމަ މިމައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓް ބަލައި، ކަމާގުޅޭ ހުރިހާ މުއައްސަސާއަކުން މިމައްސަލަ ބެލުމަށް އަންގާފައިވާ ކަމަށް މެންބަރު ޖީހާން ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ މި މައްސަލާގައި ކޮމެޓީގެ މަގުސަދަކީ އެކުދިންނަށް އިންސާފު ހޯދައިދިނުމަށް ކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން މިމައްސަލަ ބެލުމަށްފަހު އެއްހަފުތާ ތެރޭގައި އެ ކޮމެޓީއަށް ސިޓީއަކުން ހިއްސާކުރުމަށް އަންގާފައިވާ ކަމަށެވެ.
ބ. ގޮއިދޫ ގުރުއާން މުދައްރިސެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަަ، 9 އަހަރަށް ފަހު ޝަރީއަތް ނިންމާލި އިރު އިންސާފެއް ނުލިބުނު ވާހަކަ އަކީ މިއަދު އެންމެން ދައްކާ ވާހަކައެކެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މި މައްސަލައިގެ ޝިކާރައަކަށް ވީ، މިހާރު އުމުރުން 26 އަހަރުގެ އަންހެން މީހާ ބުނީ، މި މއްސަލަ ހުށަހެޅީ 2007 ވަނަ އަހަރު ތެރޭގައި ކަމަށެވެ. އޭރު އޭނާއަށް ވާނީ 14 އަހަރު ކަމަށެވެ. ކޯޓުގައި އެ މައްސަލަ ބަލަން ފަށާފައިވަނީ 2010 ވަނަ އަހަރުތެރޭގައި ކަމަށާއި މައްސަލަ ނިންމާ ހުކުމް އިއްވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ކަމަށް އޭނާ ބުނެއެވެ.
އަދި "ޕްރޫފް" ނެތުމަކީ ބޮޑުބޭބެ އެއްގެ މަގާމުގައި ހުރި ގުރުއާން ޓީޗަރު އެކަން ނުކުރާކަމަށް ގަބޫލު ކުރެވޭނެ އުޒުރެއް ނޫން ކަމަށާއި ކޯޓުން ކޮންމެ ގޮތަކަށް ހުކުމް އިއްވި ކަމުގައި ވިއަސް ހަގީގަތަކީ ކޮބައިކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށް އޭނާ ބުނެއެވެ.
މުޅި ސޯޝަލް މީޑިއާގައި އެއްއަޑެއްހެން އިވެމުން މިދަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުޑަކުއްޖަކަށް 9 އަހަރަށް ފަހުވެސް އިންސާފު ނުލިބުނު ވާހަކައެވެ. މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ އިރު އެމީހުން ދަނީ ކަމާ ބެހޭ ފަރާތްތަކަށް ސުވާލު އުފައްދަމުންނެވެ.
ޖެންޑާ މިނިސްޓްރީން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން އެ މައްސަލަ ބަލާނެ ކަމަށާއި އަދި މިނިސްޓްރީގެ ކަންބޮޑުވުން ހިއްސާކުރާނެ ކަމަށެވެ.