ވަދެލާނެ އެއްވެސް ފުރާޅެއް ނެތުމަށް ވުރެ ނިކަމެތި ކަމެއް ނޯންނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓް ދޫކުރުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގައި، މިއަދު ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، ވަދެލާނެ އެއްވެސް ފުރާޅެއް ނެތުމަށް ވުރެ ނިކަމެތި ކަމެއް ނޯންނާނެ ކަމަށެވެ. މާލެއަށްވެސް އަދި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަ ކުރައްވަމުން އިމްތިޔާޒު ވިދާޅުވީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ މި ގައުމަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަށް ވެސް ހައްލު ލިބެން އޮތް ކަމެއް ކަމަށެވެ.

"މީ މާލެއަށް ވެސް އަދި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ. މި ކަމަށް އަވަސް ހައްލެއް ހޯދުމަކީ މި ގައުމަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަށްވެސް ހައްލު ލިބެން އޮތް ކަމެއް"
އިމްތިޔާޒު

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ބަހުސް ކުރުމަކީ ކުރަންޖެހޭ ވަރަށް ބޮޑު ކަމެއް ކަަމަށާއި، ބޯހިޔާ ވަހިކަމުގެ މަސައްކަތް ހިންގުމަށް ސަރުކާރުންނާއި އެމްޑީޕީގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް އެބަ ހިންގާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ކުރިގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޯ ހިޔާވަހިމުގެ މައްސަލައަށް ހައްލު ހޯއްދަވަން ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވަމުން އިމްތިޔާޒު ވިދާޅުވީ، މާލޭގައި ހުރި އެންމެ ބޮޑު އެއް ފްލެޓްތަކަކީ ގާކޮށި އަދި އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހެދުނު ފްލެޓްތައް ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހުގައި އެ ފްލެޓުތައް ލިބުނު މީހުންނަށް ވެސް އެ ހައްގުން މަހްރޫމު ވެގެން ދިޔައީ މިދިޔަ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ބޮޑުވެގެން ދިއުމުން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. ގާތްގަނަޑަކަށް 35000 ރުފިޔާ އާ ގާތްކުރާ އަގަަކަށް ފައިސާ ދައްކަން ޖެހިފައިވާ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އެހެންވީމައި އެ ފްލެޓްގެ ހައްގުވެރިންނަށްވެސް އެ ފްލެޓް ނުލިބި ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

"35000 ރުފިޔާ އާ ގާތްކުރާ އަގަަކަށް ފައިސާ ދައްކަން ޖެހުމުން އެ ފްލެޓްގެ ހައްގުވެރިންނަށްވެސް އެ ފްލެޓް ނުލިބި ދިޔައީ"
އިމްތިޔާޒު

މި ސަރުކާރުން ހައްގުވެރިންނަށް ނުލިބު ހައްގު ހޯދައި ދިނުމަށް ނުވަތަ އެ ފަރާތްތަކަށް ގޯތި ނުވަތަ ފްލެޓް އަނބުރާ ލިބޭނެ ގޮތް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް އިމްތިޔާޒް ފާހަގަކުރެއްވިއެވެ.