ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު ޖެހިގެން އުޅެނީ ހައްސާސީ މައްސަލައެއް ނަމަވެސް، އެއީ މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ވަރުގެ ކަމެއް ކަމަށާ، ހިނގައިގެން ނުވާނެ ކަމަކީ ދެ ގައުމުންވެސް ހަނގުރާމައަކަށް ދިއުން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ތިއްބަވައިގެން މީޑިއާއާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، އީރާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މަގުސަދަކީވެސް އީރާނާއި ސައުދީއިން ހަނގުރާމައަކަށް ދާން ޕާކިސްތާނުން ބޭނުން ނުވާތީ ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުން ހިންގާ ތެޔޮ ކާރުހާނާތަކަކަށް ހޫތީން ދިން ހަމަލާތަކާ ގުޅިގެން އަލިފާން ރޯވެ އަނދަނީ/ފޮޓޯ: ރޮއިޓާޒް

އިމްރާން ވަނީ ސައުދީ އާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމުގެ ޝައުގު، ޕާކިސްތާނުގައި އެބައޮތްކަން ވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ޕާކިސްތާނުގެ އެހީ ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނާލް ޓްރަމްޕް ވިދާޅުވި ކަމަށްވެސް އިމްރާންވަނީ ވިދާޅުވެފައެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އީރާނާ ސައުދީގެ ގުޅުންތައް މިހާރު އިންތިހާއަށް ހީނަރުވެ، ނުތަނަވަސްވެފައިވަނީ ސައުދީގެ އެންމެ ބޮޑެތި ތެޔޮ ކާރުހާނާތަކަކަށް އަމާޒުކޮށް ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ޒިންމާ، ޔަމަނުގައި ހަނގުރާމަ ކުރާ ހޫތީއިން އުފުލިއިރު، ސައުދީއާއި އެމެރިކާއިންވެސް ބުނަމުންދަނީ މިކަމުގެ ފަހަތުގައި އޮތީ އީރާނު ކަމަށެވެ. މި ތުހުމަތުތަކަށް އީރާނުން އިންކާރު ކުރަމުންދަނިކޮށް، ސައުދީއާއި ދާދި ކައިރިން ދަތުރުކުރަމުންދިޔަ އީރާނުގެ ތެޔޮ ޓޭންކަރަކަށް ދާދިފަހުންވަނީ ވަރުގަދަ މިސައިލް ހަމަލާއެއްވެސް އަމާޒުވެފައެވެ.

އީރާނާ ސައުދީގެ މި ކޯޅުންގަނޑާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައްވެސް ވަނީ އުފުލެން ފަށާފައެވެ.

ޚަބަރު ލިބޭ ގޮތުގައި، އަންގާރަ ދުވަހުގެ ވަގުތެއްގައި އިމްރާން ސައުދީއަށް ވަޑައިގަންނަވާނެއެވެ.