މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކާރިސާތަކާ ކުރިމަތިލާންޖެހޭ ހިނދު، ފަސްޓް ރެސްޕޯންޑާޒްގެ ގޮތުގައި އެހީއާއިގެން އެންމެ ފުރަތަމަ ނިކުންނަން ޖެހޭނެ ބަޔަކީ ސިޓީތަކުގެ މޭޔަރުންކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ސިޓީތަކެއްގެ މޭޔަރުން ބައިވެރިވެވަޑައިގެން، ޑެންމާކުގެ ކޯޕަންހޭގަންގައި ކުރިއަށް ގެންދިޔަ "ސީ40 ވާލްޑް މޭޔާޒް ސަމިޓް"ގައި ވާހަކަފުޅު ދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ސިޓީތަކުގައި ކަމަށްވާއިރު، ހުރިހާ ކަމެއް ޝާމިލުވާ ދެމެހެއްޓެނިވި ތަރައްގީގެ ކުރީ ސަފުގައި އޮތީ އެ ސިޓީތައް ކަމަށެވެ.

ކަންމިހެން އޮތްއިރު، ސިޓީތައް ތަރައްގީކޮށް، ހުރިހާ ދާއިރާއެއްގެ ޝާމިލުވުމާ ބައިވެރިވުން ހިމެނޭ ގޮތަށް، އިޖުތިމާއީ ގިންތީގެ ލާމެހުން އެކުލެވޭނެ ހެން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްވެސް ސިޓީތަކުގެ ރަށްވެހިން އެ ސިޓީތަކުގެ މޭޔަރުންގެ ކިބައިން އެދޭކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ކާރިސާ، ކުއްލި ހާލަތުގެ ދަރަޖާގައި އޮތްއިރު، އިންސާނީ ހަޟާރާތު ދެމި އޮތުމަށްވެސް ނުރައްކާ ކުރިމަތިވެފައިވާކަމަށެވެ. އަދި ހުރިހާ ގިންތިއެއްގައިވެސް، މިކަމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

މި ދަނޑިވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޫސުމީ ތަފާތު ކާރިސާތައް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން ޖަޕާނަށް ވަރުގަދަ ތޫފާނެއް އަރާފައިވާއިރު އެމެރިކާއަށް ވަނީ ޖަންގަލިތަކުގައި ރޯވިމުގެ މައްސަލަ އަނެއްކާވެސް ކުރިމަތިވެފައެވެ. ދެކުނު އޭޝިއާއަށް ބަލާއިރުވެސް މިކަން އޮތީ މިފަދަ ގޮތަކަށެވެ. އެގޮތުން އިންޑިއާއަށް ކުރި އާދަޔާ ހިލާފަށް ގަދަ، މޫސުމީ ވިއްސާރައިގެ ގެއްލުންތަކުން އަދިވެސް އެގައުމު އޮތީ އަރައިނުގަނެވިފައިކަން ފާހަގަކުރަންޖެހެއެވެ.