ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އޭނާގެ ނައިބުގެ މަގާމަށް އައްޔަނު ކުރަން މަޖިލީހަސް ނަން ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، އެ ދެ މަގާމަށް ކުރިމަތިލާން މިދިޔަ މަހު ހުޅުވައިލުމުން، އެ ދެ މަގާމަށް ޝައުގުވެރި ވެގެން ނަން ހުށަހެޅި މީހުންގެ ނަންތައް މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވާފައި ވާ ކަމަވެ. ނަމަވެސް އެ މީހުންގެ އިތުރު ތަފުސީލެއް ނުދެއެވެ.

ކޮމިޝަނާގެ މަގާމަށް ދެ ބޭފުޅަކު އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް ހަ ބޭފުޅަކު ކުރިމަތިލެއްވި ކަމަށް ވެސް ވަނީ ބުނެފައެވެ.

މީރާގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި އިރު، އެ އިސްލާހު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި މީރާ އަށް ވެރިން އައްޔަން ކުރަން ޖެހުނު ނަމަވެސް ގާނޫނުގައި ބުނާ އެ މުއްދަތު އިއްޔެ ހަމަވެފައި ވުމުން މީރާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގައެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވި ނަމަވެސް އެ ބޭފުޅުންގެ ނަންތައް ހާމަކުރަނީ މަޖިލީހުގެ ތަޅުމަށް ނަންތައް ހުށަހެޅުމުންނެވެ. ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އައްޔަން ކުރުން މަޖިލީހުގައި އަދި އެޖެންޑާއެއް ނުކުރެއެވެ.

މީރާގެ ގާނޫނަށް ގެނައި ބަދަލާއި ކުރިން ހުރި ކޮމިޝަނާ ޖެނެރަލްގެ މަގާމު ގެއްލުވާ ލުމަކީ ރާއްޖޭގެ މާލީ ނިޒާމަށް ގެނައި ނުބައި ބަދަލެއްގެ ގޮތުގައި އެއް ބަޔަކު ސިފަ ކުރާ އިރު އަނެއް ބަޔަކު ބުނަނީ އެ ބަދަލު ގެންނަން ޖެހޭ ކަމަށެވެ.