ހިޔާލު ތަފާތުވުމަކީ ހަމަނުޖެހުން އުފައްދަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ ދިވެހިން ދާން ބޭނުންވާ ހިސާބެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހިޔާލު ތަފާތުވާ މީހާއާ މެދު އަނިޔާވެރިވާން ޖެހޭ ކަމަށް މުޖުތަމައުގެ ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. ރަނގަޅާ ނުބައި އެކި މީހުން ދެކޭނީ އެކި ގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެކަމަކު އޭނާ ހަގީގަތުގައި ދެކެ ހުރީ އޭނާ އެއީ ރަނގަޅު މީހެއް ކަމަށް. އަދި އެތައް ކިތަންމެ މީހެއްވެސް އެބަދެކޭ އޭނާ އެއީ ރަނގަޅު މީހެއް ކަމަށް. އަޅުގަނޑު ތި ކުދިން ކައިރީގައި ދަންނަވާލަން އޮތީ ޚިޔާލު ތަފާތުވާނެ އޭ. ރަނގަޅާ ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނޭ. އެހެން ނަމަވެސް އެ ޚިޔާލު ތަފާތުވުންތަކާއެކު އެކުގައި އުޅެވެންޖެހޭނެ އޭ"
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ހިޔާލު ތަފާތުވުމުގެ ސަބަބުން އެތައް ގައުމެއްގައި އެތައް ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު އެ މަންޒަރުތައް ރާއްޖެއިން ނުވަތަ ވެރިރަށް މާލެއިން ނުފެންނާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑު ދަންނަވާނީ ހިތަށް ނާރުވައްޗޭ އެ މަންޒަރު މި މާލޭން ވެސް ނުފެނިދާނެ ކަމަށް. ވަރަށް ބުއްދިވެރި ކަމާއެކީގައި ވަރަށް ވިސްނުން ތެރިިކަމާ އެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފިނަމަ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޚަރާބުގެ އައްސޭރިއަށް، ތި ބޭފުޅުންގެ ޖީލު ތި ކުދިންގެ ޖީލު ގޮސްދާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ވަރަށް ވިސްނުންތެރިކަމާއި ބުއްދިވެރިކަމާ އެކު ކަންކަން ނުކޮށްފި ނަމަ ހަރާބުގެ އައްސޭރި އަކަށް ރާއްޖެ ހިނގައިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅުތަކުގެ އަމާޒަކީ، އެމްޑީއެނުން ނެރުނު ރިޕޯޓާ ގުޅިގެން ދީނީ އިލްމުވެރިންނެ ރުޅިވެރިކަމުގެ އިތުރުން މަދު ދިވެއްސެއް ފިޔަވައި މުޅި ރާއްޖެ އެ ރިޕޯޓު ކުށްވެރިކޮށް އެމްޑީއެންގެ އިސްފަރާތްތަކަށް ފިޔަވަޅު އަޅުމަށް ގޮވަމުން ދާތީ އެކަމާ ކަންބޮޑުވެވަޑައިގަތުން ކަމަށް ބެލެވެއެވެ.