މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވެ، އެ އަތޮޅުގެ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އައްޑޫ ރައްޔިތުންނަށް އެންމެ އެހީތެރިކަން ބޭނުން ވެފައިވާ މި ދަނޑިވަޅުގައި 'ރައްޔިތުންގެ މެންބަރުން ފެނިއްޖެ' ކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

އައްޑޫގެ ދާއިރާއަށް ނިސްބަތްވާ ކުރީގެ ދެ މެންބަރެއް ވާރޭގައި ނުކުންނަވައި ފެންބޮޑުވެފައިވާ ސަރަހައްދުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ތަން ފެނިވަޑައިގަތުމުން އެއީ ރައްޔިތުންގެ މެންބަރުން ކަމުގައި ވިދާޅުވެ ނިހާން ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ނިހާން ވިދާޅުވީ، އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ދީދީ ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މެންބަރުންނަކީ މިއީ ކަމަށް ނިހާން ފާހަގަކުރެއްވިއެވެ.

މި ވިއްސާރައިގައި އައްޑޫގެ ގިނަ ގެތަކަކަށް ފެންވަދެ އެތައް ގެއްލުމެއް ރައްޔިތުންނަށް ވަނީ ވެފައެވެ. އިއްޔެއިން ފެށިގެން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ރެއާ ހަމައަށް އައްޑޫގެ ޖުމްލަ 140 ގެއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ. އެއީ ހިތަދޫން 44 ގެއަކާއި، މަރަދޫން 4 ގެއަކާއި، މަރަދޫ-ފޭދުން 12 ގެއަކާއި، ފޭދުން 43 ގެއަކާއި ހުޅުދޫން 10 ގެއެއްގެ އިތުރުން މީދޫން 27 ގެެކެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ވިއްސާރައިގައި ގޭގެއަށް ލިބިފައިވާ ގެއްލުން ކައުންސިލުން ބަލަމުންދާ ކަމަށެވެ. ވެލި ބަސްތާ ޖެހުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލަށް އެހީތެރިވުމުގެ ގޮތުން ފުލުހުންނާއި، އެމްއެންޑީއެފާއި، ފެނަކައިގެ އިތުރުން ޕަބްލިކް ވާކްސާއި، ރެޑްކްރެސެންޓް އަދި ކައުންސިލުގެ މުނިސިޕަލް ސާވިސް ޓީމުން މަސައްކަތް ކުރަމްންދާ ކަމަށެވެ.