ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔުންތައް ޝާއިއު ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށް ހާމަކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުނެއެވެ. އޭނާ ހައްޔަރު ކުރި ވަގުތަކާއި އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބޮޑެތި ބާރުތައް ލިބިދޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމަށް ފަހު މިއީ ހައްޔަރު ކުރި ފުރަތަމަ މީހާއެވެ. އޭނާ ހައްޔަރު ކުރީ އެގާނޫނުގެ ދަށުން ކަމަކަށް ފުލުހުން ނުބުނެއެވެ.

ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހު ތަކުގައި ބޮޑެތި ބާރުތައް ފުލުހުންނަށް ލިބިދެއެވެ. އެގޮތުން މީހަކު ނުވަތަ ބަޔަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ކަމަށް ތުހުމަތު ކުރެވެންޏާވެސް އެ މީހަކު ނުވަތަ ބަޔަކު ހިފާ ހައްޔަރު ކުރެވޭނެއެވެ. ކޯޓު އަމުރެއް ބޭނުމެއް ނުވެއެވެ.