ތޫފާން ހާގިބިސް ޖަޕާނަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔުމާ ގުޅިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓެގީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު ޝާހިދުގެ މެސެޖްގައި ތޫފާނުގެ ސަބަބުން ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރާއެކު ދިވެހިން ތިބިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިތޫފާނުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ތޫފާނުގެ އަސަރުކުރި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވައި، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޖަޕާނަށް މިހާރު އަރަމުންދާ ތޫފަން "ހަގިބިސް" ދަނީ ޖަޕާނުގެ މެދު ހިސާބުތަކާއި ދިމާލަށް މިސްރާބު ޖަހަމުންނެވެ.

ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ މި ތޫފާނަކީ ފާއިތުވި 60 އަހަރުގެ ތެރޭގައި ޖަޕާނަށް އައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއް ތޫފާން ކަމަށެވެ. މި ތޫފާނުގެ ސަބަބުން 7 މިލިއަނަށް ވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށްލަން ޖެހިފައިވަނީ ވިއްސާރައިގައި ފެންބޮޑުވެ ކޯރު ބަންޑުންވުމުގެ ސަބަބުންނާއި ގެދޮރަށް ލިބިފައިވާ ގެއްލުމުގެ ސަބަބުންނެވެ. މިއަދު ހިނގާދިޔަ ހާދިސާގައި 2 މީހަކު މަރުވެފައިވާ އިރު 9 މީހަކު ގެއްލިފައިވެއެވެ.