މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ވާރޭވެހި އެ އަތޮޅުގެ ހުރިހާ ރަށެއްހެން ފެންބޮޑުވެ ރައްޔިތުން ހާލުގައި ޖެހިއްޖެއެވެ.
މިއަދު އެ އަތޮޅު ހުޅުދޫ އަދީ މީދޫގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެއަށް ފެންވަދެފައި ވާއިރު ފެންވަދެފައިވާ ގެތަކުގެ އަދަދު 70 އަށް ވަނީ އަރާފައެވެ. މިހާރުވެސް އެ ދެރަށުގައި ފުލުހުންނާއި އެންއެންޑީއެފުން ދަނީ ރައްޔިތުންނަށް އެހީތެރިވުމަށް ގެތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ބުނީ، ވިއްސާރައިގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ ރައްޔިތުންނަށާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގޭގެއިން ފެންހިނދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި ރައްޔިތުން އެކުވެގެން ކުރަމުން ދާއިރު ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ވިއްސާރައިގައި އައްޑޫ ސިޓީން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ ވަކި ނަންބަރު ތަކަަކަށް ގުޅުމަށެވެ. އެހީއަށް އެދޭ ފަރާތްތަށް ގިނަވުމުން އެހީ ފޯރުކޮށްދިނުން ލަސްވެދާނެކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހީ ހޯދުމަށް ގުޅަން ޖެހޭ ނަންބަރުތަކަކީ:
- ހިތަދޫ ޕޮލިސް 9791612
- ހުޅުމީދޫ ޕޮލިސް 9791366
- ގަން ޕޮލިސް 9792058 / 6898026
އައްޑޫ ސިޓީ ކައުންސިލުން ބުނީ، ވިއްސާރައިގައި ގޭގެއަށް ލިބިފައިވާ ގެއްލުން ކައުންސިލުން ބަލަމުންދާ ކަމަށެވެ. ވެލި ބަސްތާ ޖެހުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލަށް އެހީތެރިވުމުގެ ގޮތުން ފުލުހުންނާއި، އެމްއެންޑީއެފާއި، ފެނަކައިގެ އިތުރުން ޕަބްލިކް ވާކްސާއި، ރެޑްކްރެސެންޓް އަދި ކައުންސިލުގެ މުނިސިޕަލް ސާވިސް ޓީމުން މަސައްކަތް ކުރަމްުންދާ ކަމަށެވެ.
މިއަދު މެޓް އޮފީހުން ބުނެފައިވަނީ ހަވީރު 4:00 އިން ފެށިގެން މިރޭ 8:00 އާ ހަމައަށް ގުގުރުމާއެކު ހދ. އަތޮޅުން ފެށިގެން އައްޑޫއަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި މިރޭ 8:00 އިން ފެށިގެން 11:00 އަށް ށ އަތޮޅުން ފެށިގެން ލ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ބުނެ ވަނީ ވައިޓް އެލާޓެއްވެސް ނެރެފައެވެ.