އެމްޑީއެން އައި ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ރ. ދުވާފަރުގައި ބޭއްވި ހިނގާލުމަކީ ރަށުގެ މަސްލަހަތު ނަގާލަން ކުރި ކަމެއް ކަމަށާއި، މަސްލަހަކަތު ނަގާލަން ކުރާ މަސައްކަތް ހުއްޓާލަން ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިސްމާއިލް އަހުމަދު ގޮވާލައިފިއެވެ.

ރ. ދުވާފަރުގައި އެމްޑީއެންއާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ހިނގާލުން / ފޮޓޯ: ސޯޝަލްމީޑިއާ

އިސްމާއިލް އަހުމަދު ކުރެއްވި ޓްވިޓްގައި ވަނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް އިއްޔެ ދުވާފަރުގައި ކުރިއަށް ގެންދިޔަ އެއްވުމަކީ ފިތުނަ ފަސާދަ އުފައްދަން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެމްޑީއެންގެ މައްސަލައިގައި ސަރުކާރުން ރަނގަޅު ފިޔަވަޅެއް އަޅާފައިވާ ކަމަށާއި، އިސްލާމް ދީނުގެ ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނޭ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައި ވާކަމަށްވެސް އޭނަ ވިދާޅުވެއެވެ.

ދުވާފަރުގައި ޝުރޫރު ފާޅުކޮށް ބޭއްވި ހިނގާލުމުގައި ގިނަބަޔަކު ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ. އަދި އެމީހުން ވަނީ "ލާދީނީ ފިކުރުތަކާ ދެކޮޅު" ކަމަށް ބުނެ އަޑު އުފުލާފައެވެ. އެ ހިނގާލުމުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައި ވާއިރު، ފިރިހެނުންނާއި ކުޑަކުދިންވެސް ބައިވެރިވެފައިވެއެވެ.

ރ. ދުވާފަރުގައި އެމްޑީއެންއާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ހިނގާލުން / ފޮޓޯ: ސޯޝަލްމީޑިއާ

އެ ހިނގާލުމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ދުވާފަރު ކައުންސިލުން ބުނީ "އެފަދަ ކަމެއް ކުރި ވާހަކަ ދެއްކި ކަމަށާއި" ކައުންސިލަށް ނޭނގޭ ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅުގައި އެ ޖަމިއްޔާ އުވާލަން ގޮވާލައި، އެ ޖަމިއްޔާގެ ވެރިންނާއި ދެކޮޅަށް އަޑު އުފުލާފައި ވާއިރު، އެ ޖަމިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.