ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފެތުމުގެ މުބާރާތް ނިންމާލައިފިއެވެ.
200 އަށްވުރެ ގިނަ ބައިވެރިންނާއެކު ދިރާގު މާލޭ އޯޕަން 2019 ނިންމާފައި ވަނީ މިއަދު ހެނދުނެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމު ކުރާ މި މުބާރާތަކީ 8 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ދިޔަ މުބާރާތެކެވެ. އެއީ ދިހަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކެޓަގަރީއަކާއި، 11-12 އަހަރާއި، 13-14 އަހަރާއި، 15-19 އަހަރާއި، 20-29 އަހަރާއި، 30-39 އަހަރާއި، 40-49 އަހަރާއި ދެމެދު އަދި 50 އަހަރުން މަތީގެ އުމުރުފުރާގެ ކެޓަގަރީއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ މި މުބާރާތް ނިންމާފައި ވާ ފަރާތްތަކަށް މެޑަލް ހަވާލް ކޮށްފައި ވާއިރު، ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އެވޯޑް ދިނުމަށް ރަސްމިއްޔާތެއް ފަހުން ބާއްވާގޮތަށް ހަމަޖެއްސުމަށް ފަހު ފެތުންތެރިންނަށް އަންގާނެ ކަމަށްވެސް މި މުބާރާތް އިންތިޒާމްކުރި ފަރާތުން މައުލޫމާތު ދެއެވެ.
މި މުބާރާތަކީ އެއް ކިލޯ މީޓަރާއި 500 މީޓަރުގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތެކެވެ. ކުޑަކުދިންގެ އިވެންޓް ތަކާއެކު މުބާރާތް ފަށާއި ކުރިއަށް ދިޔައީ ރަސްފަންނުގައެވެ.
ސްވިމް މޯލްޑިވްސް އަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްޤީކޮށް ކުރިއެރެވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި މުބާރާތް ބާއްވާ މައިގަނޑު މަގުސަދަކީ، ވީހާވެސް ގިނަ ބަޔަކަށް ވާދަވެރި ރައްކާތެރި އުފާވެރި މާހައުލެއްގައި ފެތުމާއި މޫދު ހަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމް ކުރާ ސްވިމް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރު ކަމަށްވާ ދިރާގުން ބުނީ މި މުބާރާތް ބޭއްވުމަށް އެކުންފުނިން އެއްބާރުލް ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ. އަދި ހަމަ އެއާއެކު ފެތުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދިވެއްސަކައްވެސް ފަސޭހަކަމާއެކު ދަސްކޮށް ކުރެވޭނެ ކަމެއް ކަމަށްވެސް ދިރާގުން ބުނެއެވެ.