އިސްލާމިކް މިނިސްޓަރަށް ވުރެ ބޮޑަށް ފިތުނައެއް އުފެއްދި މީހަކު މިގައުމުގައި ހުންނާނެތޯ އައްސަވާ، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސުވާލު އުފައްދަވައިފިއެވެ.

އިބްރާ މިފަދައިން ސުވާލު އުފައްދަވާފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ ރިޕޯޓެއް ނެރެ، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ ރިޕޯޓާ ގުޅިގެން އެމްޑީއެން ވެސް މިހާރު ވަނީ ޔޫތު މިނިސްޓްރީން ސަސްޕެންޑު ކޮށްފައެވެ.

އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލްގެ ބޭބެ، އިބްރާހީމް އިސްމާއީލް (އިބްރާ) މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމިކް މިނިސްޓަރަށްވުރެ މިގައުމުގައި ފިތުނައެއް އުފެއްދި މީހަކު މިފަހަކަށް އައިސް ހުންނާނެތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އެ ފިތުނައިގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ.

އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓަރަކީ ފިތުނަ އުފައްދަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އެ މޭރުމުން އިބްރާ ވާހަކަދެއްކެވިއިރު އިސްލާމިކް މިނިިސްޓްރީއަކީ މި ގައުމުގެ ހަލާކު ކަމަށް ޝަހިންދާ ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.